ކުޅިވަރު

ލެވަކޫސަން ބަލިކޮށް ޑޯޓްމުންޑުން ފެށުން ރަނގަޅުކޮށްފި


ޖަރުމަން ލީގުގައި ބަޔާ ލެވަކޫސެން ބަލިކޮށް ބޮރޫޝިއާ ޑޯޓްމުންޑުން ފެށުން ރަނގަޅުކޮށްފިއެވެ.

މިމެޗް ޑޯޓްމުންޑް ކާމިޔާބުކޮށްފައިވަނީ އަމިއްލަ ދަނޑުގައި ކުޅެ 1-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ލެވަރކޫސެންއިން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ޑޯޓްމުންޑް އިންނެވެ. މިމެޗްގައި ޑޯޓްމުންޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 10 ވަނަ މިނެޓްގައި ޖަހާދިނީ ކެޕްޓަން މާކޯ ރޮއިސްއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަަށް ލިބިގެންދިޔަ ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ހިފޭގޮތެއް ނުވިއެވެ. މިމެޗްގެ އިތުރު ވަގުތުގައި ލެވަރކޫސެންގެ ކީޕަރ ޕެނަލްޓީ އޭރިއާ ބޭރުން ބޯލައިގާ އަތްލި ކަމަށް ވިއޭއާރުން ބެލުމަށްފަހު އެނގުމުން އޭނާއަށް ވަނީ ރަތްކާޑު ދައްކާފައެވެ.

މިއީ ޑޯޓްމުންޑްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ އަރލިންގ ހާލަންޑް އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއަށް ބަދަލުވިފަހުން ކުޅުނު ލީގުގެ ފުރަތަމަ މެޗެވެ. ހާލަންޑްގެ ބަދަލުގައި އެޓީމަށް ގެނައި އަޔެކްސް އެމްސްޓަޑަމްގެ ފޯވަޑް ސެބަސްޓިއެން ހާލަރވެސް ވަނީ އެނާގެ ހަށިގަނޑުން ވަރަށް ފަހުން ފެނުނު ޓިއުމަރ އާއެކު ފަރުވާ ހޯދުމަށް ގިނަ ދުވަސްތަކަކަަށް ކުޅުމާއި ދުރައް ދާންޖެހިފައެވެ.