ކުޅިވަރު

އަންހެން ރިލޭ ޓީމުން ގައުމީ ރިކޯޑު އާކޮށްފި


އިނގިރޭސިވިލާތުގެ ބާމިންހަމުގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގެ އެތުލެޓިކްސް އިވެންޓުގައި ރާއްޖޭގެ އަންހެން ރިލޭ ޓީމުން ހަތަރެއް ގުނަ 100 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު އާކޮށްފިއެވެ.

މި އިވެންޓުގެ ގައުމީ ރިކޯޑު އާކުރި ރިލޭ ޓީމުގައި ހިމެނުނީ އައިޝަތު ހިމްނާ ހަސަނާއި، މަރިޔަމް އަލްހާ ހުސައިނާއި، އާމިނަތު ލަޔާނާ މުޙައްމަދުގެ އިތުރުން ރިފާ މުޙައްމަދެވެ. ހޮނިހިރު ދުވަހު ކުރިއަށްދިޔަ ރޭހުގެ ހީޓު އެކެއްގައި ވާދަކޮށް އަންހެން ޓީމުން ރޭސް ނިންމާފައިވަނީ 49.19 ސިކުންތުންނެވެ.

މި އިވެންޓުގެ ގައުމީ ރިކޯޑު އެންމެ ފަހުން އާކޮށްފައިވަނީ ނޭޕާލުގައި 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައެވެ. އެ ގޭމްސްގައި އަންހެން ރިލޭ ޓީމުން ރިކޯޑު އާކޮށްފައިވަނީ 50:16 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ ފަހަރުގެ ޓީމުގައި ހިމެނެނީ ހިމްނާ، ރިފާ، އަލްހާގެ އިތުރުން ސާރާ މައްސޫދެވެ.

އަދި އޭގެ ކުރިން 2016 ވަނަ އަހަރު އިންޑިއާގެ ގުވަހާޓީގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައިވެސް އަންހެން ރިލޭ ޓީމުން ހަތަރެއް ގުނަ 100 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު ހެދިއެވެ. އެ ފަހަރު ރޭސް ނިންމާފައިވަނީ 51:32 ސިކުންތުންނެވެ. އެ ރިކޯޑު އާކުރި އަންހެން ރިލޭ ޓީމުގައި ހިމެނުނީ އަފާ އިސްމާޢީލާއި، އައިމިނަތު ނަޒްރާ އާއި، ސަމްހާ އަޙްމަދުގެ އިތުރުން މިރުފަތު އަޙްމަދެވެ.

މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި އަންހެން ރިލޭ ޓީމުން ހަތަރެއް ގުނަ 100 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު އާކުރިއިރު، މިއީ މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި އެތުލެޓިކްސްއިން ހެދި ދެވަނަ ގައުމީ ރިކޯޑެވެ. އެގޮތުން ވޯލްޑް ޗެމްޕިއަންޝިޕުގައި މީގެ 21 އަހަރު ކުރިން ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި ދުވުންތެރިޔާ ސަމްހާ ހެދި އަންހެނުންގެ 100 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު، ޒުވާން ދުވުންތެރިޔާ ހިމްނާ ވަނީ މުގުރާލާފައެވެ.

މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގެ އެތުލެޓިކްސް އިވެންޓުތައް ނިންމާލުމަށްފަހު، މި ވަގުތު ގައުމީ އެތުލީޓުން ތިބީ ތުރުކީގެ ކޮންޏާގައި ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރުމަށް ގޮހެވެ.