ދުނިޔޭގެ ވިޔަފާރި

މެކްސިކޯގެ އިންފްލޭޝަންވެސް ރެކޯޑު ޢަދަދަކަށް މަތިވާނެ ކަމަށް ލަފާކޮށްފި


މެކްސިކޯގެ އިންފްލޭޝަންވެސް ޖުލައި މަހު ރެކޯޑު އަދަދަކަށް މަތިވާނެކަމަށް ލަފާކޮށްފިއެވެ.
ޖުލައި މަހުގެ އިންފްލޭޝަން މަތިވެއްޖެނަމަ، މިއީ ވޭތުވެ ދިޔަ 22 އަހަރު ދުވަހުގެ ތެރޭގައި އެ ޤައުމުގެ އިންފްލޭޝަން މިހާ މަތިވި ފުރަތަމަ ފަހަރެވެ.

ރޮއިޓާސްގެ ޕޯލުން ދައްކާގޮތުގައި ކުރިއަށްއޮތް ދުވަސްތަކުގައިވެސް މެކްސިކޯގެ މަރުކަޒީ ބޭންކުން ގެންދާނީ އިންޓަރެސްޓު ރޭޓު މަތިކުރަމުންނެވެ. މެކްސިކޯގެ ޖުލައި މަހު އަހަރީ އިންފްލޭޝަން %8.13 އަށް އަރާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ލަފާކޮށްފައިވާއިރު، މިއީ 2000 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ނުފެންނަ މިންވަރެކެވެ.

މަރުކަޒީ ބޭންކުން ލަފާކޮށްފައިވާގޮތުގައި އިންފްލޭޝަން މަތިވާނީ ގާތްގަޑަކަށް %3 އަށެވެ. އަދި ބެންޗްމާކް އިންޓަރެސްޓް ރޭޓް 375 ބެސިސް ޕޮއިންޓް މަތިކޮށް، %7.75 ށް އަރާނެކަމަށްވެސް ބޭންކުން ވަނީ ލަފާކޮށްފައެވެ.

ބޭންކުން ދެން ރޭޓް ނިންމުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު ކަމަށާއި، މާކެޓުން ލަފާކުރަނީ އިތުރު 75 ބޭސިސް ޕޮއިންޓްގެ ރޭޓް ބޮޑުވާނެ ކަމަށެވެ. އަހަރު ނިމޭއިރު އިންޓަރެސްޓް ރޭޓް %9.5 އަށް އަރާނެ ކަމަށްވެސް ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރެ އެވެ. އަހަރީ ކޯ އިންފްލޭޝަން %7.60 އަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، މި ރޭޓަކީވެސް 2000 ވަނަ އަހަރުގެ ފަހުން ވެސް އެންމެ މަތިވި އަދަދެވެ.

ޖުލައި މަހު އެކަނިވެސް އަގުތައް %0.72 މައްޗަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ރޮއިޓާސްގެ ސާވޭއިން ދައްކާއިރު، މި މަހުގެ ކޯ އިންފްލޭޝަންގެ މީޑިއަން ޕްރޮޖެކްޝަނަކީ %0.58 އެވެ.
ޖުލައި މަހުގެ ރސްމީ އިންފްލޭޝަންގެ މައުލޫމާތު މެކްސިކޯގެ ގައުމީ ތަފާސްހިސާބު އެޖެންސީ މިއަދު އާންމު ކުރާނެއެވެ.