ޚަބަރު

ޤައުމީ ކުތުބުޚާނާ ތަރައްޤީ ކުރުމުގެ މަސައްކަތް މާދަމާ ފަށަނީ


ބޭންކް އޮފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ޤައުމީ ކުތުބުޚާނާ އިތުރަށް ތައްޤީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. އެގޮތުން ލައިބްރަރީ ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޤައުމީ ކުތުބުޚާނާއިން ވިދާޅުވެއެވެ. މިމަސައްކަތް ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަށް ވަނީ އަމާޒު ހިފާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޤައުމީ ކުތުބުޚާނާއާ ހަވާލުވެ ހުންނެވި މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް އަޙްމަދު މުޙުސިން ވިދާޅުވީ ޤައުމީ ކުތުބުޚާނާ ތަރައްޤީވުމާއެކު އެތަނަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށެވެ. އެގޮތުން ޒަމާނާ އެއްގޮތަށް ލައިބްރަރީގެ ޚިދުމަތްތައް ފުޅާވެގެންދާނެއެވެ. މި މަޝްރޫޢުގެ ދަށުން ލައިބްރަރީގައި އޯޑިއޯ ބޫތެއް ހެދުމުގެ އިތުރުން ކުރީ ޒަމާނުގެ ފޮތްތައް ޑިޖިޓަލް ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި އޯޑިއޯ ބޫތުން ފޮތްތަކަށް އަޑު އެޅުމަށްފަހު އަޑުއިވުމުން މަހްރޫމްވެފައިވާ މީހުންނަށް ޚާއްސަކުރުމަށް ވަނީ ނިންމާފައެވެ. މީގެ ސަބަބުން މާލޭގެ އިތުރުން އަތޮޅުތެރޭގެ ރައްޔިތުންނަށް މި ފޮތްތައް އަޑުއަހާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މުހުސިން ވިދާޅުވީ ލައިބްރަރީގައި މިހާރު ޚިދުމަތް ދެމުން އަންނަ ސަރަޙައްދަށްވެސް ބޮޑު ބަދަލެއް އަންނާނެކަމަށެވެ. އަދި މަޝްރޫޢު ނިމޭއިރު މިހާރު ހުރި ގޮނޑި މޭޒުތައްވެސް ފޮތް ކިޔުމަށް ފަސޭހައިން ތިބެވޭ ތަކެއްޗަށް ބަދަލުވެގެން އަންނާނެކަމަށެވެ.

"މިހާރު ބޭނުންކުރާ ބްރޯޒިން ސިސްޓަމްތައް އެ ގޮތަކަށް ނޫން ހުންނާނީ. ކުރިއަށް އޮތް ތަނުގައި ލައިބްރަރީ ބޭނުންކުރާ ފަރާތްތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ. 10،12 ވަރަކަށް އަހަރުވީ ސެކިއުރިޓީ ގޭޓެއްގެ ވާހަކަ ދައްކާތާ، އެހެންނަމަވެސް މިއަދާ ހަމައަށް އައިރުވެސް ސެކިއުރިޓީ ބެލެހެއްޓޭނެ މާބޮޑު ގޮތްތަކެއް ނެތް. ނަމަވެސް މި މަޝްރޫއާއެކު ސެކިއުރިޓީ ގޭޓެއް ބެހެއްޓޭނެ." ޑެޕިިއުޓީ މިނިސްޓަރ އަޙްމަދު މުޙްސިން ވިދާޅުވިއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޗީފް ލައިބްރޭރިއަން ހައްވާ ނާސިހާ ވިދާޅުވީ ޤައުމީ ކުތުބުޚާނާގެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައިވެސް މެދުކަނޑާ ނުލާ ޚިދުމަތްދެމުން ދާނެކަމަށެވެ. ނަމަވެސް ފޮތް ދޫކުރުމާއި ބައެއް ޚިދުމަތްތަކަށް ބުރުއަރާނެކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ލައިބްރަރީގެ އިނގިރޭސި ޑިޕާޓްމަންޓްގެ މަސައްކަތަށްވުމުން އެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތްތައް ނިމެމުންދާވަރަކުން އެތަންތަނުން ޚިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

" މިހާރު ހުރި ކޮމްޕިއުޓަރުތަކަކީ ވަރަށް ބައު ކޮމްޕިއުޓަރުތަކެއް. ކިޔަވަތީގައިވެސް ދެން ހުޅުވޭރިއު ކޮމްޕިއުޓަރުގެ އިތުރަށް ޕްރޮޖެކްޓަރވެސް ބޭނުން ކުރެވޭނެ. ރީޑިން އޭރިއާގައިވެސް އާދައިގެ ގޮނޑީގެ ބަދަލުގައި ބީން ބޭގްސް ބަހައްޓާފައި ޚިދުމަތް ދިނުމަށް. އޭރުން ޖާގަ ބޮޑުކަމަށްވެސް ދައްކާނެ."ޗީފް ލައިބްރޭރިއަން ހައްވާ ނާސިހާ ވިދާޅުވިއެވެ.

ރާއްޖޭގެ ޤައުމީ ކުތުބުޚާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ނިންމާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މިމަޝްރޫޢުގެ ދަށުން ޤައުމީ ކުތުބުޚާނާގެ މެއިން ރީޑިންގ އޭރިޔާ, ކިޔަވަތި ޑިސްކަޝަން ރޫމް, ސައިލެންޓް ރީޑިންގ އެންޑް ރިސާރޗް ރޫމް, މޭކާރސް ސްޕޭސް ރޫމްގެ އިތުރުން ނެޝަނަލް ކަލެކްޝަން ރޫމު އިތުރަށް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެ އިތުރުން ކުތުބުޚާނާގެ ޚިދުމަތް ހޯދާ ފަރާތްތަކުން ބޭނުންކުރުމަށް ބަހައްޓާފައިވާ ކޮމްޕިއުޓަރ ސިސްޓަމްތައް އަޕްގްރޭޑް ކުރުމުގެ އިތުރުން, ކުތުބުޚާނާއިން ކުރިއަށް ގެންދާ ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓަށް ބޭނުންވާ ވީކްރެޑްލް ބުކް ސްކޭނާ ހަދިޔާކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މުޅިން އަލަށް ކުތުބުޚާނާގައި އޯޑިއޯ ރިކޯޑްކުރެވޭނެ ބޫތެއް ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީ ކޮށްދޭނެއެވެ.