މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ހުނަރުވެރި، ފަންނީ މީހުން ބިނާކުރުމުގެ އެއްބަސްވުމެއްގައި ހަޔަރަ އެޑިއުކޭޝަން މިނިސްޓްރީއާއެކު ސޮއިކޮށްފިއެވެ.
މި ސްކޮލަޝިޕް އެއްބަސްވުމަކީ އެމްޕީއެލްއާއި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ގުޅިގެން ދޭ ސްކޮލަޝިޕްތަކެވެ. އެގޮތުން މިއަދު އެ ކުންފުންޏާއި މިނިސްޓްރީން ވަނީ "ކޯޕަރޭޓް ސްކޮލަޝިޕް"ގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ ޝާހިދު އަލީއެވެ. ހަޔަރ އެޑިއުކޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިބްރާހީމް ހަސަންއެވެ.
އެމްޕީއެލްއިން ވިދާޅުވީ މި ކޯޕަރޭޓް ސްކޮލަޝިޕް މީގެ ފަހުން ކޮންމެ އަހަރެއްގަވެސް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. މި 7 ސްކޮލަޝިޕްގެ ތެރެއިން އެއް ސްކޮލަރޝިޕް، ކޮންމެ އަހަރެއްގެ މަތީ ސާނަވީ އިމްތިހާނުތަކުގެ ގަދަ 10ގައި ހިމެނޭ ދަރިވަރުންގެ ތެރެއިން ކޮންމެވެސް އެއް ދަރިވަރަކަށް އެމްޕީއެލްއާ ގުޅޭ ދާއިރާއަކުން މަތީ ތައުލީމު ހާސިލުކުރުމަށް ދިނުމަށްވަނީ ހަމަޖެހިފައެވެ.
މިސްކޮލަރޝިޕްތަކަށް އެމްޕީއެލްއިން ފަންޑު ކުރާއިރު ސްކޮލަޝިޕް އިއުލާނުކުރުމާއި ސްކޮލަޝިޕް ލިބޭ ދަރިވަރުން ހޮވުމާއި ސްކޮލަޝިޕް އެވޯޑު ކުރުމުގެ ހުރިހާ މަރުހަލާއެއް ކުރިއަށް ގެންދާނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީންނެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ޒުވާނުންނަށް ތައުލީމާއި ތަމްރީނާއި ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް އެކުންފުނިން އަބަދުވެސް އިސްކަންދޭ ކަމަށެވެ. އެފަދަ ފުރުސަތުތައް ޒުވާނުންނަށް ތަނަވަސްކޮށްދިނުމަކީ މީހުން ބިނާ ކުރުމަށް އެމްޕީއެލްއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
" ކޮންމެ އަހަރަކުވެސް މިސްކޮލަރޝިޕްތައް ސްކޫލް ނިންމާ ދަރިވަރުންނަށް ދެވިގެންދާނެ. މި މަސައްކަތުން ޒުވާނުންނަށް އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެ. ކުރިމަގުގައި މިދަރިވަރުން ކިޔަވައި ނިމިގެން އައިސް އެމްޕީއެލްގެ ޚިދުމަތާ ގުޅުމުން އެމްޕީއެލްގެ މަސައްކަތްތަކަށްވެސް ކުރިއެރުން ލިބިގެންދާނެ." އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވިއެވެ.
An MOU was signed between Maldives Ports Limited and Ministry of Higher Education to give scholarships for eligible candidates from the areas related to the work of @Portmv. Under this MOU 7 students will get opportunity to pursue their higher studies this year. @shahid2742 pic.twitter.com/vtf5vq17jo
— Ministry of Higher Education (@MoHEmv) August 9, 2022
މިރަސްމިއްޔާތުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ހަސަން ވަނީ މިއީ އެމްޕީއެލްއަށް ފަންނީ، ގާބިލް މުވައްޒަފުން ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ. އަދި ވަރަށް އަވަހަށް މިސްކޮލަރޝިޕްތަކަށް ހުޅުވާލާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
"އުއްމީދުކުރަނީ މި މަސައްކަތް ނަމޫނާއަކަށް ބަލައިގެން އެހެން އިދާރާތަކުންވެސް ބޭނުންވާ ދާއިރާތަކަށް ޚާއްސަކޮށްގެން ސްކޮލަރޝިޕްތައް ތަޢާރަފްކުރާނެ ކަމަށް. މިއި ކުންފުންޏަށް ފަންނީ މުވައްޒަފުން ލިބުމުގެ އިތުރަށް ޒުވާނުންނަށްވެސް ވަރަށް މުހިއްމު ކަމަކަށްވާނެ." މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ޙަސަން ވިދާޅުވިއެވެ.
ސޮއިކުރި ކޯޕަރޭޓް ސްކޮލިޝަޕް އެއްބަސްވުމުގެ އިތުރުން މިއަހަރުގެ ތެރޭގައި އިތުރު ސްކޮލަޝިޕްގެ ހަ ފުރުސަތު ހުޅުވާލުމަށް އެމްޕީއެލްއިން ވަނީ ނިންމާފައެވެ. އެ ހަ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ ޕޯޓް އޮޕަރޭޝަންސް ދާއިރާ އާއި ސޭފްޓީގެ ދާއިރާ އާއި ފައިނޭންސްގެ ދާއިރާ އާއި އިންޖިނިއަރިންގެ އެކި ދާއިރާތަކުންނެވެ.