ޚަބަރު

އަންނަ އަހަރު ޤައުމީ ކުތުބުޚާނާ ޑިޖިޓަލައިޒްކޮށް ނިންމަނީ


ޤައުމީ ކުތުބުޚާނާގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އަންނަ އަހަރުގެ ކުރީކޮޅު ކުތުބުޚާނާ ޑިޖިޓަލައިޒްކޮށް ޚިދުމަތް ދޭންފެށޭނެކަމަށް އެކުތުބުޚާނާއިން ވިދާޅުވެއްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ޤައުމީ ކުތުބުޚާނާ އިތުރަށް ތައްޤީކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.

ޤައުމީ ކުތުބުޚާނާއާ ޙަވާލުވެހުންނެވި، މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖުގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުޙްސިން ވިދާޅުވީ ޑިޖިޓަލް ލައިބްރަރީ ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެހެންނަމަވެސް ލައިބްރަރީ ޑިޖިޓަލައިޒް ކުރުމަށްޓަކައި އަދިވެސް ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރިކަމަށެވެ. މުހުސިން ވިދާޅުވީ މި މަސައްކަތަށް މިހާރު ގިނަ ފޮތްތަކެއް ސްކޭންކޮށްނިމިފައިވާކަމަށެވެ. އަދި މިވަގުތު ޑިޖިޓަލް ލައިބްރަރީ އިފްތިތާހް ނުކުރެވެނީ ހުރިހާ މަސައްކަތްތަކެއް ނުނިމި ހުރުމުންކަމަށާއި ޚިދުމަތް ފެށުމަށްފަހު ޚިދުމަތް މެދުކަނޑާލަން ބޭނުން ނުވާތީކަމަށެވެ. އެހެންނަމަވެސް މަސައްކަތް ކުރަމުންދަނީ އަންނައަހރުގެ ކުރީކޮޅު މިޚިދުމަތް ފެށުމަށްކަން މުހުސިން ފާހަގަކުރެއްވިއެވެ.

އެތައް ހާސް ފޮތްތަކެއް ހުރި ޤައުމީ ކުތުބުޚާނާއަށް މިހާރު 77 އަހަރު ފުރިފައިވާއިރު އެތަނުން ފޯރުކޮށްދޭ ޚިދުމަތްތައް އަންނަނީ ފުޅާކުރަމުންނެވެ. މިގޮތުން ކުޑަކުދިންނަށް ޚާއްސަ ލައިބްރަރީއެއްގެ ޚިދުމަތް ދިނުމާއި ކިޔަވާ ކުދިންނަށް ޚާއްސަކޮށްގެން ބައެއް ޚިދުމަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ.

ކުތުބުޚާނާގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިހާރުވަނީ ބައެއް މަސައްކަތްތައް ފަށާފައެވެ.

މިމަޝްރޫޢުގެ ދަށުން ޤައުމީ ކުތުބުޚާނާގެ މެއިން ރީޑިންގ އޭރިޔާ, ކިޔަވަތި ޑިސްކަޝަން ރޫމް, ސައިލެންޓް ރީޑިންގ އެންޑް ރިސާރޗް ރޫމް, މޭކާރސް ސްޕޭސް ރޫމްގެ އިތުރުން ނެޝަނަލް ކަލެކްޝަން ރޫމު އިތުރަށް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ.

ބީއެމްއެލްގެ އެހިތެރިކަމާއެކު ކުރިއަށް ގެންދާ މި މަޝްރޫއުގައި ކުތުބުޚާނާގެ ޚިދުމަތް ހޯދާ ފަރާތްތަކުން ބޭނުންކުރުމަށް ބަހައްޓާފައިވާ ކޮމްޕިއުޓަރ ސިސްޓަމްތައް އަޕްގްރޭޑް ކުރުމުގެ އިތުރުން, ކުތުބުޚާނާއިން ކުރިއަށް ގެންދާ ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓަށް ބޭނުންވާ ވީކްރެޑްލް ބުކް ސްކޭނާ ހަދިޔާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މުޅިން އަލަށް ކުތުބުޚާނާގައި އޯޑިއޯ ރިކޯޑްކުރެވޭނެ ބޫތެއް ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީ ކުރާނެއެވެ.