ކުޅިވަރު

ބާޒެލް ޔޫރޮޕާ ކޮންފަރެންސް ލީގުގެ ޕްލޭއޮފަށް


ޔުއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ކޮލިފައިން ޕްލޭއޮފުން އެފްސީ ބާޒެލް ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ޕްލޭ އޮފުން ބާޒެލް ޖާގަހޯދީ ރޭ ކުޅުނު ކޮލިފައިންގ ތިންވަނަ ބުރުގެ ދެވަނަ ލެގްގެ މެޗްގައި ބްރިންޑްބީ އާއި ބައްދަލުކޮށް ކާމިޔާބުކޮށްގެންނެވެ. މިމެޗްގެ ނަތީޖާ ނެރެންޖެހުނީ ދެމެޗްގެ އެގްރިގޭޓް ނަތީޖާ 2 ލަނޑު 2ލަނޑުން އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން 3 ލަނޑު އެއްލަނޑުންނެވެ.

މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް އެއްލަނޑު ސުންލަނޑުން ބްރޮންޑްބީ ކާމިޔާބުކުރިއިރު ރޭ ކުޅުނު ދެވަނަ މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު 2ލަނޑު އެއްލަނޑުން ކާމިޔާބުކުރީ ބާޒެލްއެވެ. އަދި އިތުރު ވަގުތުގެ ދެހާފް ކުޅުނު އިރުވެސް ނަތީޖާ އަކަށް ބަދަލެއް ނައުމުން ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ރޭގެ މެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބާޒެލްއެވެ. މިލަނޑު އެޓީމަށް ޖަހާދީ އެގްރިގޭޓް ނަތީޖާ އެއްލަނޑު އެއްލަނޑުން އެއްވަރު ކޮށްދިނީ ފަބިއަން ފްރެއިއެވެ.

ނަމަވެސް ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައި ބްރޮންޑްބީގެ މަތިއަސް ކްވިސްޓްގާޑެން ޖަހާދިން ލަނޑާއެކު މެޗްގެ ނަތީޖާ ހަމަހަމަކޮށް އެގްރިގޭޓުން ކުރި ހޯދިއެވެ. ރޭގެ މެޗުން ބާޒެލް މޮޅުވި ލަނޑު މެޗްގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓްގައި ޖަހާދިނީ އެންޑީ ޒެގީރީއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔަ ނަމަވެސް ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެހާފްގައިވެސް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ބާޒެލްއިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބުކުރިއިރު ބްރޮންޑްބީއިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރެވުނީ އެންމެ ޕެނަލްޓީއެކެވެ.

މިމުބާރާތުގެ ކޮލިފައިންގ ޕްލޭ އޮފްގައި ބާޒެލް ބައްދަލުކުރާނީ ސީއެސްކޭއޭ ސޯފިއާ އާއެވެ. ސޯފިއާ ޕްލޭ އޮފުން ޖާގަހޯދީ ކޮލިފައިންގ ތިންވަނަ ބުރުގައި ސެއިންޓް ޕެޓްރިކްސް އާއި ބައްދަލުކޮށް 2 ލަނޑު އެއްލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން މެޗް ކާމިޔާބުކޮށްގެންނެވެ.