ކުޅިވަރު

ރިސޯޓް ލީގު: ހާޑް ރޮކް ބަލިކޮށް ވެލައްސަރު ސެމީއަށް


ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ރިސޯޓް ލީގު 2022" ގެ ސައުތު މާލޭ ޒޯނުގެ ސެމީ ފައިނަލަށް ވެލައްސަރު ދަތުރުކޮށްފިއެވެ.

ސެމީފައިނަލަށް ވެލައްސަރު ދަތުރުކުރީ ބުރާސްފަތި ދުވަހު ކުޅުނު ކުއާޓާ ފައިނަލުގައި ހާޑް ރޮކާއި ވާދަކޮށް 4-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ދަ މެރީނާ އާއި ސާއި ލެގޫން އެވެ. ދަ މެރީނާ ސެމީން ޖާގަ ހޯދީ ކުއާޓާފައިނަލުގައި މި ޒޯނުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ފިހާޅޮހި 6-3 އިން ބަލިކޮށްގެންނެވެ. ސާއީ ލެގޫން ސެމީފައިނަލުން ޖާގަ ހޯދީ ކުއާޓާފައިނަލުގައި ކަނޑޫމާ 2-1 އިން ބަލިކޮށްގެންނެވެ.

މުބާރާތުގެ ކުއާޓާފައިނަލުގެ ހަތަރުވަނަ މެޗުގައި ބައްދަލުކުރަން އޮތީ ބޮލިފުއްޓާއި އަނަންތަރަ އެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ މެޗު ވަނީ ފަސްކޮށްފައެވެ.

ސެމީފައިނަލުގައި ވެލައްސަރު ބައްދަލުކުރަން ޖެހޭނީ ބޮލިފުއްޓާއި އަނަންތަރަ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މި މެޗު ކުޅުމަށް މިހާރު ތާވަލުކޮށްފައިވަނީ ހުކުރު ދުވަހުގެ ހަވީރުގައެވެ.

ކްރޮސްރޯޑްސްގައި ކުރިއަށްދާ މި ޒޯނުގެ ސެމީ ފައިނަލް މެޗުތަށް އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ކުޅޭއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވާ ހޯމަ ދުވަހުގެ ހަވީރެވެ.

ސައުތު މާލޭ ޒޯނުގައި މި ފަހަރު މުބާރާތް ބާއްވަނީ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ތިން އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. އެގޮތުން އެންމެ ފަހުން މި ޒޯނުގައި މުބާރާތް ބާއްވާފައިވަނީ 2019 ވަނަ އަހަރުގައެވެ. އެ ފަހަރު ޗެމްޕިއަންކަން ހޯދީ ކަނޑޫމާއެވެ.