އެފްއޭ ކަޕް 2022 ގެ ފުރަތަމަ މެޗުގައި ދެވަނަ ޑިވިޝަނުގައި ވާދަކުރި ބިސް ބުރު ސްޕޯޓްސް ކުލަބު ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށް، ކުއާޓާ ފައިނަލުގެ ޖާގައެއް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ހޯދައިފިއެވެ.
މި ސީޒަނުގެ އެފްއޭ ކަޕުގެ ކުޅުން ހުކުރު ދުވަހު ފެށިއިރު، މިއީ 2017 ވަނަ އަހަރުގެ ފަހުން މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ސަސް މޮޅުވީ ބިސް ބުރު އަތުން 10-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ހުކުރު ދުވަހުގެ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ހަވަނަ މިނެޓުގައި އިބްރާހީމް އަތީގް ހަސަން (އިއްބެ) ވަނީ ސަސްއަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 19 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން އައިހަމް އަޙްމަދު ލަނޑެއް ޖަހައި ސަސްގެ ލީޑު ފުޅާކޮށްދިންއިރު، މެޗުގެ 33 ވަނަ މިނެޓުގައި އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ސަޚާއުއެވެ.
މި މެޗުގެ ދެވަނަ ހާފުގައި ބިސް ބުރު އާދައިގެ ގޮތަކަށް ފެނިގެންދިޔައިރު، މެޗުގެ 64 ވަނަ މިނެޓުގައި ބަދަލަކަށް ކުޅެން ނުކުތް އަޙްމަދު ހުސާމް ވަނީ ސަސްގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ. އަދި މެޗުގެ 69 ވަނަ މިނެޓުގައި ކެޕްޓަން އަލީ ނަސޫހް ރަޝީދު (ޕިލާ) ސަސްގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، އޭގެ މިނެޓެއް ފަހުން އެ ޓީމުގެ ހަވަނަ ލަނޑު ޖަހައިދިނީ އަޙްމަދު އައިހަމެވެ.
އޭގެ ފަހުން މެޗުގެ 76 ވަނަ މިނެޓުގައި ސަސްގެ ހުސާމް އިތުރު ލަނޑެއް ކާމިޔާބުކުރިއިރު، މެޗުގެ 82 ވަނަ މިނެޓުގައި ހުސާމް ދިން ބޯޅައުކުން ނަސޫހް ވަނީ އެ ޓީމުގެ އަށްވަނަ ލަނޑު ޖަހައިދީފައެވެ.
އަދި މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ސަސްގެ އަޙްމަދު ހަމީދު (އައްމަޑޭ) އެ ޓީމުގެ ނުވަވަނަ ލަނޑު ޖަހައިދިންއިރު، މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ސަސްގެ ފަހު ލަނޑު ޖަހައިދިނީ އައިހަމެވެ. މިއީ އޭރިއާ ތެރެއިން ސަސްގެ އައްމަޑޭއަށް ބިސް ބުރުގެ މުޙައްމަދު ޒިދާން ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.
މި މޮޅާއެކު ކުއާޓާގެ ޖާގައެއް ސަސްއިން ހޯދިއިރު، އަންނަ ހޯމަ ދުވަހު ކުއާޓާގައި އެ ޓީމު ނުކުންނާނީ ކުލަބު އީގަލްސްއާ ދެކޮޅަށެވެ.