އެފްއޭ ކަޕް 2022 ގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް ސެމީ ފައިނަލުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޖާގަ ހޯދައިފިއެވެ.
ހުކުރު ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން މާޒިޔާ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުން މާޒިޔާ މޮޅުވިއިރު، މި ސީޒަނުގައި ޔޫވީއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުވެސް އެ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. އެކަމަކު ޔޫވީން ވަނީ 2016 ވަނަ އަހަރުގެ އެފްއޭ ކަޕުގެ ކުއާޓާގައި ޕެނަލްޓީ ޖަހައިގެން މާޒިޔާ ކަޓުވާލާފައެވެ،
ހުކުރު ދުވަހުގެރޭ ކުޅުނު މެޗުގައި މާޒިޔާއިން ލީޑު ނެގީ 16 ވަނަ މިނެޓުގެވެ. ހަމްޒާ މުޙައްމަދު (ހަމްޕު) ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) އެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން ޔޫވީން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އަމިއްލަ ހާފުގެ ތެރެއިން ބޯޅަހިފައިގެން ގޮސް މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ބައްސާމް މުޙައްމަދު ނައީމް (ބައްކު) އެވެ.
އޭގެ ފަހުން މި މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މާޒިޔާއިން އަލުން ލީޑު ނަގާފައިވަނީ މެޗުގެ 66 ވަނަ މިނެޓުގައެވެ، ސަމޫހް އަލީ (ސަމުއްޓެ) ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނާއިޒު ހަސަން (ދާދު) އެވެ. އަދި މެޗުގެ 82 ވަނަ މިނެޓުގައި ހަމްޕު ވަނީ އިތުރު ލަނޑެއް ޖަހައި، މާޒިޔާގެ ލީޑު ފުޅާކޮށްދީފައެވެ.
މި މޮޅާއެކު ސެމީގެ ޖާގައެއް މާޒިޔާއިން ހޯދިއިރު، ސެމީގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ކުއާޓާގައި ޓީސީ ސްޕޯޓްސް ކުލަބާއި ކުލަބު ގްރީން ސްޓްރީޓްސް ކުޅެގެން މޮޅުވާ ޓީމަކާއެވެ.