ސައޫދީ އަރަބިއާގެ ތެޔޮ އުފައްދާ ކުންފުނި އަރަމްކޯއަށް އަހަރުގެ ދެވަނަ ކުއާޓަރުގައި ރެކޯޑު އަދަދަކަށް ފައިދާ ވެއްޖެއެވެ.
ފައިދާގެ ގޮތުގައި އަރަމްކޯއަށް ލިބިފައިވަނީ 48.4 ބިލިއަން އެމެރިކާ ޑޮލަރެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު %90 އިތުރުވުމެކެވެ. އަދި މިއީ މީގެ ތިން އަހަރު ކުރިން އަރަމްކޯ ޕަބްލިކް ލިސްޓްކުރި ފަހުން ދުނިޔޭގެ އެންމެ ބޮޑު ހަކަތަ އެކްސްޕޯޓްކުރާ ކުންފުންޏަށް ލިބުނު އެންމެ ބޮޑު އާމްދަނީއެވެ.
ރިޕޯޓުތައް ބުނާގޮތުގައި އަރަމްކޯއަށް ލިބުނު މި ފައިދާއަކީ ލިސްޓްކޮށްފައިވާ ކުންފުންޏަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކުއާޓަރލީ ފައިދާއެވެ. ރެކޯޑް ފައިދާގެ އިތުރުން ސައުދީގެ ދައުލަތުގެ ކުންފުނި، އަރަމްކޯއިން ތިން ވަނަ ކުއާޓަރުގައި ޑިވިޑެންޑަށް ބަދަލެއް ނުގެނެސް، ކުރީގެ އަދަދު ކަމަށްވާ 18.8 ބިލިއަން އެމެރިކާ ޑޮލަރުގައި ބަހައްޓަންވަނީ ނިންމާފައެވެ.
ރަޝިއާ ޔުކްރެއިން ހަނގުރާމަ ފެށުމާއި ގުޅިގެން ތެލާއި ގޭހުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ދުނިޔޭގެ ހަކަތަ އެކްސްޕޯޓުކުރާ އެންމެ ބޮޑު އެއް ޤައުމަކީ ރަޝިއާ ނަމަވެސް، ހުޅަނގުގެ ގައުމުތަކުން ވަނީ ހަކަތަ ބޭނުންކުރުމުގައި އެ ގައުމަށް ބަރޯސާވުން ހުއްޓުވުމަށް ވައުދުވެފައެވެ.
ދުނިޔޭގެ މާކެޓް ވޮލަޓިލިޓީއާއި އިގްތިސާދީ ޔަގީންކަން ނެތް މި ދަނޑިވަޅުގައި މިއަހަރުގެ ފުރަތަމަ ބައިގެ ތެރޭގައި ކުރިއަށްގެންދިޔަ އިންވެސްޓްމަންޓްތަކަކީ މުހިންމު އެއްޗެއްކަމަށް ކުންފުނިން ގަބޫލުކުރާ ކަމަށް އަރަމްކޯގެ ރައީސް އަދި ސީއީއޯ އަމީން ނާސިރު ވިދާޅުވިއެވެ. އަދި ކުރު މުއްދަތަކަށް ދުނިޔޭގެ އިގްތިސާދަށް ޕްރެޝަރު އޮތް ނަމަވެސް މުސްތަގުބަލުގައިވެސް ތެލަށް އޮތް ޑިމާންޑު އިތުރުވާނެކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.
ކޯވިޑުގެ ބަލިމަޑުކަމުން އަރައިގަނެ އިގްތިސާދުތައް ރަނގަޅުވާން ފެށުމުން ތެލުގެ އަގު ވަނީ ރަޝިއާ ޔުކްރެއިން ހަނގުރާމަ ފެށުމުގެ ކުރިންވެސް އުފުލެންފަށާފައެވެ.
އެކްސަންމޮބިލް، ޝެވަރން އަދި ބީޕީ ހިމެނޭ ގޮތަށް ދުނިޔޭގެ އެންމެ ބޮޑު ތެޔޮ އުފައްދާ ކުންފުނިތަކަށްވެސް މިއަހަރު ވަނީ ބޮޑު އާމްދަނީއެއް ލިބިފައެވެ.