ކުޅިވަރު

ޕެނަލްޓީގައި އީގަލްސް ކަޓުވާލައި ސަސް ސެމީއަށް


އެފްއޭ ކަޕް 2022 ގެ ކުއާޓާ ފައިނަލް ހަތަރުވަނަ މެޗުގައި ޕެނަލްޓީ ޖަހައިގެން ކުލަބު އީގަލްސް ބަލިކޮށް ސެމީ ފައިނަލަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ދަތުރުކޮށްފިއެވެ.

ހޯމަ ދުވަހުގެ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ކުއާޓާގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ސަސްއެވެ. މެޗުގެ 18 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް އަތީގު ހަސަން (އިއްބެ) އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން އީގަލްސްއިން ނަތީޖާ އެއްވަރުކުރިއިރު، މެޗުގެ 31 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލުގެ ފޯވާޑް ބްރޫނޯ ވިނީޝިއުސްއެވެ.

މި މެޗުގައި ދެވަނަ ހާފުގައިވެސް އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ސަސްއިންނެވެ. މެޗުގެ 68 ވަަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ސާމިރެވެ. އެކަމަކު މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ބަދަލަކަށް ކުޅެން އެރި އަބްދުﷲ ޒިޔާން ވަނީ އީގަލްސްއަށް އަލުން ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައިވެސް ނަތީޖާއަށް ބަދަލެއް ނައުމުން ވަނީ ޕެނަލްޓީ ޖަހާފައެވެ. ޕެނަލްޓީ ޝޫޓްއައުޓުގައި ސަސް ކުރި ހޯދީ 7-6 ގެ ނަތީޖާއަކުންނެވެ. ޕެނަލްޓީ ޝޫޓްއައުޓުގައި ކޮންމެ ޓީމަކުން 10 ޕެނަލްޓީ ފޮނުވާލިއިރު، އީގަލްސްގެ ސޮލާހު އަލީ އެންމެ ފަހުން ފޮނުވާލި ޕެނަލްޓީ ސަސްގެ ގޯލްކީޕަރު ޔޫސުފް މީސަމް އަބްދުﷲ ވަނީ ހުއްޓުވާފައެވެ.

މި މޮޅާއެކު އެފްއޭ ކަޕުގެ ސެމީއަށް ސަސް ދަތުރުކުރިއިރު، ސެމީގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ބަލިކޮށް ސެމީން ޖާގަ ހޯދި ކުލަބު ވެލެންސިއާއާއެވެ.