އަންނަ ސެޕްޓެމްބަރު މަހު ރާއްޖޭން ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.
އަންގާރަ ދުވަހު އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންނަ ސެޕްޓެމްބަރު މަހު ރާއްޖޭން ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށާއި، އެގޮތުން ސެޕްޓެމްބަރު މަހު ރާއްޖެއިން ލާއޮސް އާއި، ބުރުނާއީ ދެކޮޅަށް މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ދެ މެޗުވެސް ކުޅޭނީ ބުރުނާއީގައި ކަމަށް ބައްސާމް ވަނީ ވިދާޅުވެފައެވެ.
ޕީއެސްއެމް ސްޕޯޓްސްއަށް އެނގިފައިވާ ގޮތުގައި ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ބުރުނާއީއާ ދެކޮޅަށެވެ. އަދި ލާއޮސްއާ ދެކޮޅަށް ނުކުންނާނީ އޭގެ ތިން ދުވަސް ފަހުންނެވެ.
ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗަކަށް ރާއްޖޭން އެންމެ ފަހުން ނިކުމެފައިވަނީ މި އަހަރުގެ މާޗު މަހުގެ 24 ވަނަ ދުވަހުއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު އެ މެޗު ރާއްޖޭން ވަނީ 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. އެއީ މި އަހަރު ކުރިއަށްދިޔަ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފިކޭޝަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު މެޗެކެވެ.
އެކުވެރިކަމުގެ ގިނަ މެޗުތައް ކުޅުމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބޭނުންވެއެވެ. ސަބަބަކީ ކުޅުންތެރިންގެ ފެންވަރު ދެނެގަތުމާއި، ޒުވާން ކުޅުންތެރިންނަށް ތަޖުރިބާ ހޯދައިދިނުމަށެވެ.