ޚަބަރު

ފަހު ދައުރުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ފަށަނީ


ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިއްޖެއެވެ.

މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމައި ދިގު ޗުއްޓީއަކަށްފަހު، ޖަލްސާތައް ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާކަން މިހާރު ވަނީ މެމްބަރުންނަށްވެސް އަންގާފައެވެ.

މަޖިލީހުގެ ފަހުދައުރަކީ ކޮންމެ އަހަރެއްގައިވެސް މަޖިލީހުގެ އެންމެ މަސައްކަތް ބުރަ ދައުރެވެ. ފަހު ދައުރުގައި މިއަހަރަށް ނިންމުމަށް ކަނޑައަޅާފައިވާ ގިނަ ބިލްތަކެއް ނިންމުމާއި، އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ފާސްކުރުންވެސް އޮންނާނެއެވެ.

މަޖިލީހުގެ ނިމިދިޔަ ދައުރުގައި ވަނީ ގިނަ ޖަލްސާތަކެއް ބައްވާ މުހިންމު ބިލްތަކުގެ މަސައްކަތްކޮށްފައެވެ. އޭގެ ތެރޭގައި 45 އަހަރަށްފަހު ހެއްކާއިބެހޭ ބިލާއި، ކޯޓުތަކުގެ ޤާނޫނާއި އިސްލާހު ގެނައުމާއި، ލާމަރުކަޒީ ޤާނޫނަށްވެސް ވަނީ މުހިންމު އިސްލާހުތަކެއް ގެނެސްފައެވެ.

މަޖިލީހުގެ ފަހު ދައުރުގެ މަސައްކަތް ބުރާސްފަތި ދުވަހު ފަށާއިރު، ދައުރު ނިންމައި މަޖިލިސް އަހަރުގެ ފަހު ޗުއްޓީއަށް ދާނީ ނޮވެންބަރު މަހުގެ ފަހުކޮޅުއެވެ.