ޚަބަރު

ރިޔާސީ އިންތިޚާބުގެ ބަޖެޓް އަންނަ ހަފްތާގައި ފައިނަލް ކުރެވޭނެ: އިލެކްޝަން


އަންނައަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ހިނގާގެކަމަށް ލަފާކުރެވޭ ބަޖެޓް އަންނަހަފްތާގައި ނިންމާލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ސިޔާސީ ޕާޓީތަކުން މިހާރު ވަނީ ވާން ފަށާފައެވެ. އިންތިޚާބުގައި ކެންޑިޑޭޓުން ނެރެން ނިންމައި ބައެއް ޕާޓީތަކުން މިހާރުވަނީ އެކަން ހާމަކޮށްފައެވެ. އަނެއްބައި ޕާޓީތަކުން، ޕާޓީގެ އެތެރޭގެ އިންތިޚާބުތަކާއި ޤައުމީ މަޖިލީސްތަކުގެ ބައްދަލުވުމަށްފަހު ކެނޑިޑޭޓުން ހާމަކުރުމަށް ނިންމައި އެމަސައްކަތްވަނީ ފަށާފައެވެ.

އިންތިޚާބަށް ޕާޓީތަކުން ތައްޔާރު ވަމުންދާއިރު، އިންތިޚާބު ބޭއްވުމަށްޓަކައި ބޭނުންވާ ބަޖެޓް އެކުލަވާލުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ދަނީ ކުރަމުންނެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގް ވިދާޅުވީ ބަޖެޓް އެކުލަވާލުމުގެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާކަމަށެވެ. އެގޮތުން ފިނޭންސް މިނިސްޓްރީއާއި، ކަމާއި ގުޅުންހުރި އެހެން އިދަރާތަކާއި މަޝްވަރާކޮށް ބަޖެޓް ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.

އިންތިޚާބަށް އިލެކްޝަނުން އެންމެ ބޮޑު ޚަރަދެއް ކުރަން ޖެހެނީ ދަތުރުފަތުރަށް ކަމަށް ފުވާދު ވިދާޅުވިއެވެ. އެގޮތުން އަތޮޅު ތެރެއަށާއި، ރާއްޖެއިން ބޭރުގެ ޤައުމުތަކަސް ކުރަންޖެހޭ ދަތުރު ތަކަކީ ހިނގާނެ އެންމެ ބޮޑު ޚަރަދުތަކުގެ ގޮތުގައި ފުވާދު ވިދާޅުވިއެވެ. ބަޖެޓް ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، މިފެށޭ ހަފްތާގައި ބަޖެޓް ފައިނަލް ކުރެވިގެންދާނެ ކަމަށްވެސް ފުވާދު ވިދާޅުވިއެވެ.

ކޮންމެ 5 އަހަރަކުން އެއް އަހަރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިޚާބަކީ ރާއްޖޭގައި ބާއްވާ އެންމެ މުހިންމު އިންތިޚާބެވެ. އެއީ ރައްޔިތުންގެ ބަސް އިއްވައި ދައުލަތުގެ އެންމެ އިސްވެރިޔާ ހޮވުމަށް ރައްޔިތުންނަށް ފުރުސަތުލިބޭ އިންތިޚާބެވެ.