ރައްކާތެރި ގޮތުގައި ކުނިމެނޭޖް ކުރުމަށް، މާލޭގެ ގޭބީސީތަކުގައި ދިރިއުޅޭފަރާތްތަކުގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި "ކުނިން ނަފާ" މިނަމުގައި ހިންގާ ތަމްރީން ޕްރޮގުރާމެއް ފެށިއްޖެއެވެ. މިއީ މާލެސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ)ގެ މެންބަރުންނަށް ޚާއްޞަކުރެވިގެން މިނިސްޓްރީއާއި ވެމްކޯ ގުޅިގެން ހިންގާ ތަމްރީން ޕްރޮގުރާމެކެވެ.
މި ޕްރޮގްރާމް ފެށުމުގެ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތެއްގައި މިކަން ފަށްޓަވައިދެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަލީ ޞާލިޙްއާއި ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އަންޞާރުއެވެ.
މިދެބޭފުޅުންގެ ވާހަކަފުޅުގައި، ރައްކާތެރި ގޮތުގައި ކުނިމެނޭޖް ކުރުމަށް މާލޭގެ ގޭބީސީތަކުގައި ދިރިއުޅޭފަރާތްތަކުގެ ހޭލުންތެރިކަން އިތުރުކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރެވޭނެ އެއްފަރާތަކީ މާލޭސިޓީގެ ޑަބްލިއުޑީސީ ކަން ފާހަގަކުރެއްވިއެވެ. ވީމާ މިއަދު މިފެށުނީ ވަރަށް މުހިންމު ޕްރޮގްރާމެއްކަން ފާހަގަކުރެއްވިއެވެ. "ވޭސްޓަކީ ވޭސްޓުނޫން" ކަމަށާއި އެއީ ނަފާއާއި މަންފާ ހޯދިދާނެ މުހިއްމު ވަސީލެއްތަކެއްކަން މިއަދު މުޖުމަޢު ޤަބޫލުކުރަން އެބަޖެހޭކަމުގައި ވިދާޅުވިއެވެ.
މާލޭސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) މެންބަރުންނަށް ޚާއްޞަކުރެވިގެން ހިންގޭ ތަމްރީން ޕްރޮގްރާމުން ތަމްރީން ލިބިވަޑައިގަންނަވާ މެންބަރުން އެމެންބަރުންގެ ދާއިރާތަކުގައި މިފަދަ ތަމްރީން ޕްރޮގްރާމްތައް ހިންގަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ކަމާއިބެހޭ އަމަލީ މަސައްކަތްތައް މާލޭގެ ގޭބީސީތަކުގައިވެސް މިއަންނަ މަހު (ސެޕްޓެމްބަރ 2022) ކުރީކޮޅު ފަށާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރު ޖޫންމަހު އެއްވަނަދުވަހު (1 ޖޫން 2022) ސަރުކާރުން ތަންފީޒް ކުރައްވަން ފެއްޓެވި ކުނިމެނޭޖްކުރުމުގެ އާ ސިޔާސަތުގެ ތެރެއިން ކުނި ބައިބައި ކޮށްގެން ނެރެ އުކާލުމުގެ މަސައްކަތްތަކަށް މާލޭގެ ގޭބީސީތަކުގައި ދިރިއުޅޭފަރާތްތަކުގެ ވަރަށް އެދެވޭ ބޮޑުތަރުހީބެއް ލިބެމުންދާކަން މިނިސްޓްރީން ޝުކުރުވެރިކަމާއިއެކު ފާހަގަކުރެއެވެ. އަދި މިކަމުގައި މެވްކޯގެ ހީވާގި މުރާލި މުވައްޒަފުން ކުރަމުންދާ ބުރަމަސައްކަތްތަކަކީ ކުނިމެނޭޖްކުރުމުގެ އާ ސިޔާސަތުގެ ކާމިޔާބުވުމަށްޓަކައި އެންމެ މުހިއްމު މަސައްކަތްތަށްކަންވެސް މިނިސްޓްރީން ފާހަގަކުރެއެވެ.
ހެޔޮގޮތުގައި އަދި ނަފާހުރި ގޮތުގައި ކުނިމެނޭޖްކުރުމަކީ މިސަރުކާރުން އެންމެ އިސްކަންދެއްވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިކަމަކީ ރާއްޖޭގެ ރައްޔިތުންގެ ދުޅަހެޔޮ ސިއްޙަތަށާއި ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި އެންމެ ފައިދާ ކުރަނިވި ކަމެކެވެ. މިކަމަށްޓަކައި ސަރުކާރުން ހިންގަވާ ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން، ރާއްޖޭގެ އާބާދީގެ ބޮޑުބައެއް އެއްސަރަހައްދެގައި ދިރިއުޅޭ މާލެ ސަރަހައްދުގެ ކުނިމެނޭޖް ކުރުމުގެ 300 މިލިއަން ޑޮލަރުގެ ބޮޑުމަޝްރޫއެއްވަނީ ފެށިފައެވެ.
މި މަޝްރޫއުގެ ތެރެއިން، އެންމެ ފުރިހަމަގޮތުގައި ކުނިމެނޭޖްކުރުމާއި، އެންމެ ފައިދާހުރިގޮތުގައި ކުނިން ނަފާއާއި މަންފާ ހޯދުމުގެ ޒަމާނީ އެންމެފަހުގެ ވަސީލަތްތައް ގާއިމުކުރެވި އިންގިލާބީ ބޮޑު ބަދަލުތަކެއް އަންނާނެއެވެ. މިއާއިއެކު އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައި މިމަސައްކަތް ކުރާފެންވަރަށް ރާއްޖޭގައިވެސް ކުރެވޭނެއެވެ.