ޚަބަރު

ޕޮލިޓެކްނިކް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަންވަނީ ހަމަޖެހިފައި: މިނިސްޓަރ


މޯލްޑިވްސް ޕޮލިޓެކްނިކުން ފޯރުކޮށްދޭ ތަޢުލީމް ފުޅާކުރުމުގެ ގޮތުން އެތަން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ހަޔަރަ އެޑިއުކޭޝަން ޑރ.އިބްރާހިމް ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް ޕޮލިޓެކްނިކްގެ އޮގަސްޓް އިންޓޭކްގެ އޮރިއެންޓޭޝަންގައި ވާހަކަފުޅުދައްކަވަމުންނެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ އޮގަސްޓް އިންޓޭކްގެ އޮރިއެންޓޭޝަންގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހަޔަރަ އެޑިއުކޭޝަން ޑރ.އިބްރާހިމް ޙަސަން ވިދާޅުވީ ރާއްޖޭގައި އެކި ނަންނަމުގައި ޓެކްނިކަލް އަދި ވޮކޭޝަނަލް ތަޢުލީމް ފޯރުކޮށްދޭތާ އެތަކެއް ޒަމާންތަކެއް ވެފައިވާކަމަށެވެ. އަދި މިދިޔަ ދުވަސްތަކުގެ ތެރޭގައި އެކިއެކި ސިނާއަތްތަކާއި ޕޮލިޓެކްނިކްއާ ދެމެދު ގާތްގުޅުންތަކެއް އުފެދިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް ބޭނުންވާ މިންވަރަށް ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއަށް ލިބެންޖެހޭ އިހްތިރާމް ލިބިފައިނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން ޕޮލިޓެކްނިކުން ދެވޭ ތަޢުލީމްގެ ފުރުޞަތުތައް ފަހި ކުރުމާއި އެތަނާ ދޭތެރޭ އާއްމުން ދެކޭގޮތް ބަދަލުކުރުމަށްޓަކައި ޕޮލިޓެކްނިކް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ވޯލްޑް ބޭންކުގެ މީރީ ޕްރޮޖެކްޓުން އާ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ލައިބްރަރީގެ ޚިދުމަތާއި އައިޓީ ލެބެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާކަން މިނިސްޓރަ ފާހަގަކުރެއްވިއެވެ.

"މިދާއިރާއާ ދޭތެރޭ ރައްޔިތުން ދެކޭގޮތް ބަދަލުކުރެވެން ކުރާ މަސައްކަތްތައް ކުރެވޭނެ ބަޔަކީ ދަރިވަރުން.
ދަރިވަރުން ކިޔަވައިގެން ނުކުންނައިރު މަސައްކަތުގެ އަޚްލާޤް ހުންނަ ގޮތާއި ވަޒީފާގެ މަސައްކަތް ކުރާ ގޮތާއި ނަތީޖާ ނެރޭ ގޮތް ވަރަށް މުހިއްމު." މިނިސްޓަރ އޮފް ހަޔަރަ އެޑިއުކޭޝަން ޑރ.އަބްރާހީމް ޙަސަން ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކުން އަންނަނީ އެކި ދާއިރާތަކުން ޓެކްނިކަލް އަދި ވޮކޭޝަނަލް ކޯސްތައް ހިންގަމުންނެވެ. މީގެ ތެރޭގައި ސެޓްފިކެޓް ލެވަލްއިން ފެށިގެން ޑިޕްލޮމާ ފެންވަރަށް އަންނަނީ ކިޔަވައިދެމުންނެވެ. މީގެ އިތުރަށް ޕޮލިޓެކްނިކްގެ ކެމްޕަސްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކޮށް ތަޢުލީމް ފުޅާކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.