ޚަބަރު

އެންމެ ރަނގަޅު ގޮތަކީ ހަގީގަތް ގަބޫލުކުރައްވާ ޤަރާރު އަނބުރާ ގެންދެވުން: އަހުމަދު


ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅުމަށް ނިންމާފައިވާ ޤަރާރަކީ ރައްޔިތުންގެ ތާއީދު ނެތް ގަރާރެއްކަން މިހާރުވެސް ހާމަވެފައިވާކަމަށާއި، އެންމެ ރަނގަޅު ގޮތަކީ ގަރާރު މިހާރުން މިހާރަށްވެސް އަނބުރާ ގެންދެވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ. ބަރުލަމާނީ ނިޒާމު ގެނައުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތަށް އެމްޑީޕީ ތެރެއިންވެސް މާބޮޑު ތަރުހީބެއް ލިބިގެން ގޮސްފައި ނުވެއެވެ.

އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ޤަރާރާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އަހުމަދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށްޓަކައި ރައްޔިތުން ބޭނުންވިގޮތް ނިންމާފައިވާކަމަށެވެ. ނަމަވެސް އޭގެ 14 ވަރަކަށް އަހަރުފަހުން އަނެއްކާވެސް ނިޒާމު ބަދަލުކުރަން ރައްޔިތުންގެ އެއްވެސް މަޝްވަރާއެއްނެތި މަސައްކަތް ކުރުމަކީ ޒިންމާދާރުކަން ކުޑަކަމެއްކަމަށެވެ.

ވެރިކަމަށް އާދެވެން އޮތް އެންމެ ކުރުމަގު ޚިޔާރު ކުރުމަށް ރައްޔިތުންގެ އިހުސާސްތައް ނުބަލައި ކަންކަން ނިންމުމަކީ އޭގެ ސަބަބުން މުޅި ޤައުމަށްވެސް ގެއްލުންވާނެ ކަމެއްކަމަށް އަހުމަދު ވިދާޅުވިއެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީގެ ކޮންގްރެސްއަށް ހުށަހަޅުއްވާފައިވާ ޤަރާރަކީ ޕާޓީގެ އާންމު މެމްބަރުންނާއި، އިސް ބޭފުޅުންގެ ތާއީދު ނެތް ގަރާރެއްކަން ހާމަކުރަމުންދާއިރު، އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ މިހާރުން މިހާރަށްވެސް ގަރާރު އަނބުރާ ގެންދެވުން ކަމަށް އަހުމަދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ ރައީސް އިސްކޮށް ހުންނަވައިގެން އެމަސައްކަތް ކުރެއްވި ކަމުގައި ވީނަމަވެސް، މިއަދު ދިވެހި ރާއްޖޭގެ ރައްޔިތުންގެ ތާއީދެއްނެތް ބަރުލަމާނީ ނިޒާމަކަށް. ހަގީގަތް ގަބޫލުފުޅު ކުރެއްވުން އެއީ އެންމެ ރަނގަޅުގޮތް. އަދި ހަމަ އެހެންމެ ރައްޔިތުން އެދޭ މިސްރާބަށް ދީއްލާލެއްވުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް އަޅުގަނޑު ދެކެނީ. މި ޤަރާރަކަށް ކޮންގްރެސްގައިވެސް ތާއީދެއް ނުލިބޭނެ. ކޮންގްރެސްގައި ކަންކަން ނިމިގެންދާނީ ރައްޔިތުންގެ ވިންދާއި އެއްގޮތަށް." އަހުމަދު ވިދާޅުވިއެވެ.

ނިޒާމު ބަދަލު ކުރުމާއިމެދު ސިޔާސީ ހުރިހާ ޕާޓީތަކުންވެސް ތަކުރާރުކޮށް ވިދާޅުވަމުންދަނީ މިއީ އެމަސައްކަތް ކުރުމަށް އެންމެ ރަނގަޅު ވަގުތު ނޫންކަމަށެވެ. އޭގެ ތެރޭގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކާއި، އިދިކޮޅު ޕާޓީތައްވެސް ހިމެނެއެވެ. ހަމައެހެންމެ ރާއްޖޭގެ އިޤްތިޞާދާއި، ދުނިޔޭގެ އިޤްތިޞާދީ ހާލަތު އޮތްގޮތުން މިއީ 100 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން މިފަދަ އިންތިޚާބެއް ބާއްވަން އެންމެ ރަނގަޅު ވަގުތު ނޫންކަމަށްވެސް އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅުއްވުމަށް ނިންމަވާފައިވާ ޤަރާރު އަނބުރާ ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުވެސް ވަނީ އެދިވަޑައިގެންފައެވެ. އެމްޑީޕީގެ ކޮންގްރެސް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހުއެވެ.