ޓައިވާނާއެކު ވިޔަފާރީގެ ރަސްމީ މަޝްވަރާތައް ފަށާނެކަމަށް އެމެރިކާއިން އިއުލާންކޮށްފިއެވެ. އެމެރިކާއިން އެގޮތަށް އިޢުލާނުކޮށްފައި މިވަނީ އެމެރިކާގެ ގާނޫނުހަދާ މަޖިލިހުގެ ތިރިގޭގެ ރައީސް ނެންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ދަތުރުފުޅަށްފަހުއެވެ.
ފުރަތަމަ ބުރުގެ މަޝްވަރާތައް ވަރަށް އަވަހަށް ފަށާނެކަމަށް އެމެރިކާގެ ވިޔަފާރީގެ މަންދޫބުގެ އޮފީހުން ވަނީ ބުނެފައެވެ. މި ބައްދަލުވުންތަކުގައި ވިޔަފާރި ކުރިއެރުވުމަށާއި ޑިޖިޓަލް ވިޔަފާރިއާއި އެންޓި ކޮރަޕްޝަން ގަވާއިދުތަކާބެހޭ މަޝްވަރާތައް ކުރިއަށް ދާނެއެވެ.
މިސް ޕެލޯސީގެ މި ދަތުރުފުޅާ ގުޅިގެން އެމެރިކާއާއި ޗައިނާއާ ދެމެދު އޮތް ގުޅުންތައް ވަނީ އިތުރަށް ގޯސްވެފައެވެ. އެމެރިކާ-ޓައިވާން މަޝްވަރާތައް ފުރަތަމަ އިއުލާނުކޮށްފައި ވަނީ ހުސްވި ޖޫން މަހުއެވެ. އަދި މަޝްވަރާތަކުގައި އަލި އަޅުވާލާނެ ކަންތައްތަކާއިމެދު ދެ ގައުމުންވެސް މިހާރު ވަނީ އެއްބަސްވެފައެވެ.
އެމެރިކާގެ ޑެޕިއުޓީ ޓްރޭޑް ރެޕްރެޒެންޓޭޓިވް ސާރާ ބިއާންޗީ ނެރުއްވި ބަޔާނެއްގައި ބުނެފައިވާގޮތުގައި އެމީހުން ބޭނުންވަނީ ވަރަށް އުއްމީދީ ޝެޑިއުލެއް ގެންގުޅެންކަމަށާއި، މި ގަރުނުގެ ވަރުގަދަ، މުއްސަނދި އަދި އިންސާފުވެރި އިގްތިސާދެއް ބިނާކުރުމަށް އެހީތެރިވެދިނުމަށެވެ.
އެމެރިކާއާއި ޓައިވާނާ ދެމެދު 2020ވަނަ އަހަރު ކުރި ވިޔަފާރީގެ އަގު ގާތްގަނޑަކަށް 106 ބިލިއަން އެމެރިކާ ޑޮލަރަށް ވަނީ އަރާފައެވެ. މިކަން އިއުލާންކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅު މިސް ޕެލޯސީ ކުރެއްވި ދަތުރުފުޅަށްފަހު ޗައިނާއިން ޓައިވާނުގެ ވަށައިގެން މިހާތަނަށް ފަށާފައިވާ އެންމެ ބޮޑު އަސްކަރީ ތަމްރީނުތައް ފަށާފައިވާ ދަނޑިވަޅެއްގައެވެ.
"ވަން ޗައިނާ ސިޔާސަތު"ގެ ދަށުން އެމެރިކާއިން ރަސްމީ ގޮތުން ޗައިނާ ބަލައިގަނެފައިވީ ނަމަވެސް ޓައިވާނާ އެކު ރަސްމީ ގުޅުންތައް ގާއިމުކޮށްފައެއް ނުވެއެވެ. ނަމަވެސް ވޮޝިންޓަނުން ގެންދަނީ ޓައިޕޭއާއެކު ގާތް ގުޅުމެއް ބާއްވައި، ޓައިވާނަށް އަމިއްލައަށް ދިފާއުވެވޭނެ ފަދަ ހަތިޔާރުތައް ވެސް ވިއްކަމުންނެވެ.
ޓައިވާނާކީ ޗައިނާއިން ވަކިވެގަނެފައިވާ ސަރަހައްދެއްކަމަށާ، އެގައުމު އަލުން ޗައިނާއާ ގުޅެން ޖެހޭކަމަށް ބެއިޖިންއިން ދެކެއެވެ. ނަމަވެސް ޓައިޕޭއިން ބުނާގޮތުގައި ޓައިވާނަކީ ޗައިނާއާ ވަކިން އޮތް މިނިވަން ޤައުމެކެވެ.
ޗައިނާގެ ގަދަބާރު ދެއްކުމުގެ ހަރަކާތްތަކާހެދި ޓައިވާނާއި ޗައިނާއާ ދެމެދު އޮތް ޓައިވާނު ސްޓްރެއިޓް ކަނޑުގެ އަމާންކަމާއި ހަމަޖެހެމަށް ހުރަސް އެޅެމުންދާ ކަމަށް، އިރުމަތީ އޭޝިއާ ސަރަހައްދަށް އެމެރިކާއިން ކަނޑައަޅާފަ ހުންނެވި އެންމެ އިސް ސަފީރު ޑެނީލް ކްރިޓެންބްރިންކް ވަނީ ބުރާސްފަތި ދުވަހު ވިދާޅުވެފައެވެ.