ކުޅިވަރު

އޮފީސް ކުންފުނިތަކުގެ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯއަށް


ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި ހަވަނަ އޮފީސް ކުންފުނިތަކުގެ ބެޑްމިންޓަން ޗެމްޕިއަންޝިޕް ސްޓެލްކޯއިން ކާމިޔާބުކޮށްފިއެވެ.

މި މަހުގެ 12 ވަނަ ދުވަހު ފެށި މި މުބާރާތުގެ ފައިނަލް މެޗު ކުރިއަށްދިޔައީ ބުރާސްފަތި ދުވަހުގެރޭ އެކުވެނި ބެޑްމިންޓަން ކޯޓުގައެވެ. ފައިނަލް މެޗުގައި ޕޮލިސް ކުލަބުގެ މައްޗަށް ސްޓެލްކޯ ކުރިހޯދީ ދެ ގޭމުންނެވެ.

މިއަހަރުގެ އޮފީސް ކުންފުނިތަކުގެ މުބާރާތުގައި 18 ޓީމެއް ވަނީ ވާދަކޮށްފައެވެ.

ހަތަރު ގްރޫޕަކަށް ބަހާލައިގެން މުބާރާތުގެ ކުޅުން ކުރިއަށްދިޔައިރު، ގްރޫޕް އެކެއްގައި ހިމެނުނީ ޕޮލިހާއި، އެމްއޭސީއެލް، އެމްޓީސީސީ އަދި އެސްޓީއޯއެވެ. އަދި ގްރޫޕް ދޭއްގައި ސްޓެލްކޯއާއެކު ކުލަބު އެޗްޑީސީ، ބިޒްނަޒް ސީސީ އަދި އޭސީސީ ހިމެނުނުއިރު، ގްރޫޕް ތިނެއްގައި ހިމެނުނީ ދިރާގާއި، އެމްޑަބްލިއުއެސްސީ، ބީއެމްއެލް، އާރްއޭސީއެލް އަދި ދަރުމަވަންތައެވެ. މީގެ އިތުރުން މި މުބާރާތުގެ ގްރޫޕް ހަތަރެއްގައި ހިމެނުނީ އިމިގްރޭޝަނާއި، ސީއާރްސީ، އެމްއެންޑީއެފް، މިފްކޯ އަދި އެމްއެފްއެމްސީއެވެ.

މި މުބާރާތުގެ ތިންވަނަ ހޯދާފައިވަނީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބާއި އެމްއޭސީއެލް އިންނެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމްތަކަށް ޓްރޮފީ އާއި ފައިސާގެ އިނާމު އަދި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފެވެ.