އަނިޔާއިން އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުން ސްޕެއިންގެ ޓެނިސް ތަރި ރަފައެލް ނަޑާލް ބަލިވެއްޖެއެވެ.
އޭނާ ބަލިވެފައިވަނީ ސިންސިނާޓީ އޯޕަން ޓެނިސް މުބާރާތުގައި ކްރޮއޭޝިއާގެ ބޯނާ ކޯރިޗާ ބައްދަލުކުރި މެޗުން 2-1 ސެޓުންނެވެ.
އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ތަޖުރިބާކާރު ކުޅުންތެރިޔާ ނަޑާލް, ދުނިޔޭގައި 152 ވަނައަށް ރޭންކް ކުރެވިފައިވާ ކޯރިޗް އަތުން ބަލިވީ ހަތެއް ހައެއް، ހަތަރެއް ހައެއް އަދި ހައެއް ތިނަކުންނެވެ.
މި މެޗުގެ ފުރަތަަމަ ސެޓްގައި ވާދަވެރި ކުޅުމަކަށް ފަހު ޓައި ބްރޭކަށް ގޮސް އެގާރަ ނުވައަކުން ކޯރިޗް ކުރި ހޯދި ނަމަވެސް، ދެވަނަ ސެޓު ނަޑާލް ވަނީ ގެންގޮސްފައެވެ. ނަމަވެސް ތިންވަނަ ސެޓުގައި ނަޑާލްއަށް މާރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ.
ނަޑާލް ވަނީ އޭނާއަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދުމަށް ހަ ހަފުތާ ކުޅުމާ ދުރުގައި ހޭދަކޮށްފައެވެ. އަދި މިމެޗުން ބަލިވުމުން ކުރިއަށް އޮތް ޔޫއެސް އޯޕަން ޓެނިސް މުބާރާތަށް ތައްޔާރުވުމަށް އޭނާއަށް އަދި ގިނަ މަސައްކަތް ތަކެއް ކުރަންޖެހޭނެ ކަމަށް ބެލެވެއެވެ. ޔޫއެސް އޯޕަން ޓެނިސް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހުއެވެ.