އެފްއޭ ކަޕް 2022 ގެ ތިންވަނަ ހޮވާ މެޗު ނުކުޅެން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ނިންމުމުން ކުލަބު ގްރީން ސްޓްރީޓްސްއަށް މުބާރާތުގެ ތިންވަނަ ލިބިފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.
އެފްއޭއެމް އިން ނެރުނު ނޫސްބަޔާނުގައި ބުނީ އާދީއްތަ ދުވަހުގެ ހަވީރު ސަސް އާއި ގްރީން ސްޓްރީޓްސް ކުޅެން އޮތް އެފްއޭ ކަޕުގެ ތިންވަނަ ހޮވާ މެޗުގައި ސަސްއަށް ބައިވެރިވެވެން ނެތްކަން އަންގާފައިވާ ކަމަށެވެ. އެހެން ކަމުން އެފްއޭއެމުން ވަނީ މުބާރާތުގެ ތިންވަނަ ހޮވާ މެޗު ކެންސަލް ކުރުމަށްފަހު ގްރީންއަށް ތިންވަނަ ދިނުމަށް ނިންމާފައެވެ.
އެފްއޭއެމް ގަވައިދު ބުނާ ގޮތުން މުބާރާތް ފެށުމަށްފަހު އެއްވެސް ޓީމަކަށް މުބާރާތުން ވަކިނުވެވޭނެއެވެ. އެކަން އެހެން ގަވައިދުގައި އޮއްވައި ސަސްއިން މެޗު ނުކުޅެން ނިންމުމުން އެ މައްސަލަ ބަލަން ނިންމާފައިވާ ކަމަށްވެސް އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ކުލަބް އީގަލްސް ކަޓުވާލުމަށްފަހު އެފްއޭ ކަޕުގެ ސެމީ ފައިނަލުން ޖާގަ ހޯދި ސަސްއިިން ވަނީ ސެމީގައި ކުލަބް ވެލެންސިއާއާ ވާދަކޮށްވެސް ރަނގަޅު ފައިޓެއް ދީފައެވެ. އެކަމަކު ތިންވަނަ ހޮވާ މެޗު އެ ކުލަބުން ނުކުޅެން ނިންމުމުން ގްރީންއަށް ތިންވަނަ ލިބުނުއިރު، އެ ޓީމަށް ލޯ މެޑަލް ދިނުން އޮންނާނީ އާދީއްތަ ދުވަހުގެރޭ ކުޅޭ އެފްއޭ ކަޕު ފައިނަލް މެޗަށްފަހުގައެވެ.
ސަސްއިން އެފް އޭ ކަޕުގެ ތިންވަނަ ހޮވާ މެޗު ނުކުޅެން ނިންމިއިރު، އެ ޓީމަށް އަންނަ ހަފުތާގައި ބޮޑު ދެ މެޗު އެބައޮތެވެ. އެގޮތުން އެ ޓީމުން ފުރަތަމަ ޑިވިޝަނުގައި ދެމިއޮތުމަށް ރެލިގޭޝަން ކުޅެން ޖެހިފައިވާއިރު، ސަސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުން ރެލިގޭޝަނުގައި ނުކުންނާނީ، ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން ބުރު ސްޕޯޓްސް ކުލަބާއި، ރަނަރަޕް ކުލަބް ޓީނޭޖާ ދެކޮޅަށެވެ.