ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނޭ ދެބެން ކަމަށްވާ ފާތިމަތު ނަބާހާ (ނަބާ) އާއި އައިމިނަތު ނަބީހާ (ނަބީ) އަށް މި މަހު ޖަޕާނުގައި ބާއްވާ ދުނިޔޭގެ ބެޑްމިންޓަން މުބާރާތުން ފުރުސަތު ލިބިއްޖެއެވެ.
ޓޯކިޔޯގައި ކުރިއަށްދާ ދުނިޔޭގެ މުބާރާތުގައި ނަބާ އާއި ނަބީ ކުޅޭނީ ޑަބަލްސްގައެވެ. ނަބާ އާއި ނަބީގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ގައުމީ ލެވަލްގައި ގިނަ އަހަރުތަކެއް ކުޅެފައިވާ ކުރީގެ ކުޅުންތެރިޔާ ނަޝްފާން މުޙައްމަދެވެ.
ނަބާ އާއި ނަބީ ވަނީ މިދިޔަ މަހު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގައި ވެސް ވާދަކޮށްފައެވެ. މީގެ އިތުރުން ނަބާ އާއި ނަބީއަކީ މިދިޔަ އަހަރު ބޭއްވި ގައުމީ މުބާރާތުގެ ޑަބަލްސް ޗެމްޕިއަންއެވެ.
ޖަޕާނުގެ ޓޯކިޔޯގައި ވޯލްޑް ޗެމްޕިއަންޝިޕް ކުރިއަށްދާނީ މި މަހުގެ 22-28 އަށެވެ.
މިދިޔަ އަހަރު ސްޕެއިންގައި ބޭއްވި ދުނިޔޭގެ ބެޑްމިންޓަން މުބާރާތުގައި ވާދަކުރުމުގެ ފުރުސަތުވެސް ނަބާ އާއި ނަބީއަށް ލިބުނެވެ. އެކަމަކު އެ މުބާރާތައް ނުދެވުނީ ވިސާގެ ކަންކަން ހަމަނުޖެހުމުންނެވެ.
މީގެ ކުރިން 2019 ވަނަ އަހަރު ބީޑަބްލިއުއެފްގެ އަންހެން ޑަބަލްސް އިވެންޓުގެ ރޭންކިންގެ ގަދަ 100 ތެރޭގައި ހިމެނި ނަބާ އާއި ނަބީ ވަނީ ތާރީހީ ކާމިޔާބެއް ހާސިލްކޮށްފައެވެ. ނަބީ އާއި ނަބާ އަކީ ދުނިޔޭގެ ރޭންކިންގެ އިވެންޓެއްގެ ގަދަ 100 ތެރޭގައި ހިމެނުނު ރާއްޖޭގެ އެންމެ ފުރަތަމަ ދެ ކުޅުންތެރިންނެވެ.