ދުނިޔޭގެ ވިޔަފާރި

ތެޔޮ އަގުބޮޑުކުރާނެ ކަމުގެ އިޝާރާތެއް އިންޑޮނޭޝިއާއިން ކޮށްފި


ހަކަތައަށް ސަބްސިޑީ ދިނުމަށް ކުރާ ޚަރަދުތައް ކުޑަކުރުމަށް އަންނަ ހަފްތާގައި ތެލުގެ އަގު ބޮޑުކުރަން ޖެހިދާނެ ކަމަށް އިންޑޮނޭޝިއާއިން ބުނެފިއެވެ.

ތެލުގެ އަގު އުފުލިފައި އޮތުމަށްފަހު ތެލުގެ އަގު ދަށްވަމުންދާ މި ދަނޑިވަޅުގައި ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ބޮޑު އިގްތިސާދު އޮންނަ އިންޑޮނޭޝިއާގެ މިއަހަރުގެ އެނާޖީ ސަބްސިޑީ ބަޖެޓް ވަނީ 33.82 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކޮށްފައެވެ.

ތެލުގެ އަގަށް ބަދަލެއް ނުގެނެސްފިނަމަ، އިތުރު ފައިސާ ބޭނުންވާނެކަމަށް އެޤައުމުގެ މާލީ ވަޒީރު ވިދާޅުވެފައިވާތީ، ތެލުގެ އަގު ބޮޑު ކުރަން ވިސްނާ ކަމަށް އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯވެސް ވަނީ ވިދާޅުވެފައެވެ.

ކާބޯތަކެތީގެ އަގު އުފުލިގެން ދިއުމުގެ ސަބަބުން އިންޑޮނޭޝިއާގެ އިންފްލޭޝަން މިދިޔަ ޖުލައި މަހު ވަނީ ވޭތުވެދިޔަ 7 އަހަރުވެސް ނުދާހާ މައްޗަށް، %4.94 ށް އަރާފައެވެ.

ތެލުގެ އަގާއި ކަރަންޓްގެ ޓެރިފްތަކަށް ބަދަލެއް ނުގެނައިނަމަ އިންފްލޭޝަން އެއަށްވުރެ މައްޗަށް އަރައިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އިންޑޮނޭޝިއާގެ ރައްޔިތުން މިހާރު ސަބްސިޑައިޒްޑް ގޭސް ލީޓަރަކަށް ގާތްގަނޑަކަށް 52 އެމެރިކާ ސެންޓް ދައްކާއިރު، ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެއީ ބާޒާރުގައި ލަފާކުރާ އަގަށް ވުރެ ގާތްގަނޑަކަށް %40 ދަށް އަދަދެއް ކަމަށާއި ސަބްސިޑައިޒް ޑީސަލް ލީޓަރަކަށް ދައްކަނީ ގާތްގަނޑަކަށް 35 އެމެރިކާ ސެންޓެވެ. މިއީ ބާޒާރު އަގުގެ ތިންބައިކުޅަ އެއްބައި ދަށް އަދަދެކެވެ.