ޚަބަރު

ރައީސް އަމީންގެ މަރުގެ ހާދިސާއާ ގޫޅޭ މައުލޫމާތު ހޯދުމުގެ ބައްދަލުވުމެއް މިމަހުގެ 29ގައި


ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދޮށިމޭނާ ކިލޭގެފާނުގެ ވެރިކަން ނިމުނުގޮތާއި، އެމަނިކުފާނުގެ ނިމުމާއި ގުޅޭގޮތުން "ފޯކަސް ގުރޫޕް ޑިސްކަޝަނެއް" މިމަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އިންތިޤާލީ އިންސާގެ އޮބަސޕަރސަންގެ އޮފީސް (އޯޓީޖޭ) އިން ދިވެހިރާއްގެ ފުރަތަމަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސް، ސުމުއްވުލްއަމީރު އަލްމަރުރޫމް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަން ނިމިގެން ދިޔަ ގޮތުގެ ސައްޙަ މަޢުލޫމާތު އާންމުންނަށް ގެނެސްދިނުމަށްޓަކައި އެމަނިކުފާނުގެ މަރާއި ގުޅޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން މައުލޫމާތު ދެއްވަން ބޭނުންވާ ފަރާތްތަކަށް މިދިޔަ މަހުގެ ވަނީ އެފުރުސަތު ހުޅުވާލާފައެވެ.

އިންތިޤާލީ އިންސާގެ އޮބަސޕަރސަންގެ އޮފީހުން ވިދާޅުވީ ރައީސް އަމީންގެ ޚިދުމަތްތަކުގެ މައުލޫމާތު އަންނަން އޮތް ޖީލުތަކާ ހަމަޔަށް ގެނެސްދިނުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން 29 އޮގަސްޓް 2022 ގައި "ފޯކަސް ގުރޫޕް ޑިސްކަޝަނެއް" ކުރިއަށް ގެންދެވޭނެކަމަށެވެ.

މި ފޯކަސް ގުރޫޕް ޑިސްކަޝަނުގައި ދެކެވޭ ވާހަކަތަކާއި ޙިއްސާކުރެވިގެންދާނެ މައުލޫމާތްތައް އަމާޒު ކުރެވޭނީ 1 ޖެނުއަރީ 1953 ން ފެށިގެން އަލްމަރުހޫމް މުހައްމަދު އަމީން ނިޔާވި ތާރީހު ކަމަށްވާ 19 ޖެނުއަރީ 1954 ވަނަ ދުވހާ ހަމަޔަށް ހިނގާފައިވާ ކަންކަމުގެ މައްޗަށެވެ. އަދި، ފޯކަސް ގުރޫޕް ޑިސްކަޝަން ތަކުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ފުރުސަތު ދެވޭނީ ކަންހިނގާދިޔަގޮތް ފެނިފައިވާ ފަރާތްތަކާއި އެކި ގޮތްގޮތުން މި މައްސަލަ ދިރާސާކުރަމުންދާއިރު ފެންނަން ހުރި ހެކިތަކާއި ލިޔުންތަކަށް ބަލައި ގުޅުންހުރި ފަރާތްތަކަށެވެ.

ރައީސް އަމީން ރާއްޖޭގެ ވެރިކަން ކުރައްވާފައިވަނީ 1953 ވަަނަ އަހަރު 8 މަސް ދުވަހުގެ މުއްދަތަކަށެވެ. އެއާއެކު ވެރިކަމުން ދުރުކުރެވުމަށްފަހު އެމަނިކުފާނު އަވަހާރަވީ ވިހަމަނާފުށީގައެވެ. އެއީ މިހާރުގެ ކުރުނބާ މޯލްޑިވްސްއެވެ.