10 ވަނަ ފޯ ސީޒަންސް މޯލްޑިވްސް ސާފިން ޗެމްޕިއަންސް ޓްރޮފީ، ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ފައްޓަވައިދެއްވައިފިއެވެ.
މި މުބާރާތް ކުރިއަށްދާނީ އަންގާރަ ދުވަހުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ފޯ ސީޒަންސް މޯލްޑިވްސް ކުޑަ ހުރާ ރިސޯޓު ކައިރީ އޮންނަ ރާޅާ އަޅާ ޕޮއިންޓުގައެވެ.
މި މުބާރާތް ހުޅުވުމަށް އަންގާރަ ދުވަހު ކުޑަ ހުރާ ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު މައުސޫމް ވިދާޅުވީ ރާއްޖެއަކީ ބޭރުގެ އެތުލީޓުންނަށް އުފަލާއެކު މަރުހަބާ ކިޔާ ގައުމެއް ކަމަށާއި، ރާއްޖޭގެ ރީތިކަމާއެކު މިފަދަ މުބާރާތެއްގެ ފުރިހަމަކަން އިތުރުވާނެ ކަމަށެވެ. އަދި މިފަދަ މުބާރާތްތަކުގައި ރާއްޖޭގެ އެތުލީޓުން ބޭރުގެ އެތުލީޓުންނަށް ދޫނުދީ ކުރިއަށްދާ ކަމީ ލިބޭ ފަޚުރެއް ކަމަށް ވިދާޅުވިއެވެ.
ދުނިޔޭގެ ޗެމްޕިއަނުންނަށް ދައުވަތު ދީގެން ބާއްވާ މި މުބާރާތުގައި ދިވެހި އެތުލީޓެއް ކަމަށްވާ ހުސައިން އަރީފް (އިބޫ) ވެސް ބައިވެރިވާނެއެވެ. މީގެ އިތުރުން 11 ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފައިވާ އެމެރިކާގެ ރާޅާ އެޅުންތެރިޔާ ކެލީ ސްލެޓާއާ، އެމެރިކާގެ ޓެއިލާ ނޮކްސްއާ، ރޮބް މެޗެޑޯވްގެ އިތުރުން ހަވާއީގެ ޝޭން ޑޯރިއަން ބައިވެރިވާނެއެވެ.
މި މުބާރާތް ކުރިއަށްދާނީ ތިން ކެޓެގަރީއަކަށް ބަހާލައިގެންނެވެ. އެ ކެޓަގަރީތަކަކީ ސިންގަލްސް ފިން، ޑަބަލްސް ފިން އަދި ތުރަސްޓާއެވެ.