ކުޅިވަރު

ޕްރެސްޓަން އަތުން ވުލްވްސްއަށް މޮޅެއް


އިނގިރޭސި ލީގު ކަޕުގައި ދެވަނަ ޑިވިޝަނުގެ ޕްރެސްޓަން ނޯތު އެންޑާ ދެކޮޅަށް ކުޅުނު މެޗު ޕްރިމިއާ ލީގުގެ ވުލްވްސްއިން ކާމިޔާބުކޮށްފިއެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ އަށްވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރައުލް ހިމެނޭޒެވެ. އަދި މެޗުގެ 29 ވަނަ މިނެޓުގައި އެޑަމާ ޓްރައޯރޭ ޖަހައިދިން ލަނޑާއެކު, ވުލްވްސްއިން ވަނީ މި މެޗުގައި ދެ ލަނޑުގެ ލީޑެއް ނަގާފައެވެ.

އޭގެ ފަހުން މި މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވުލްވްސްއަށް ޕެނަލްޓީއެއްވެސް ލިބިގެންދިޔައެވެ. ނަމަވެސް އެ ޓީމުގެ ހުވާންގް ހީ-ޗޭން ފޮނުވާލި ޕެނަލްޓީ، ޕްރެސްޓަންގެ ގޯލްކީޕަރު ޑޭވިޑް ކޯނެލް ވަނީ ދިފާއުކޮށްފައެވެ. މިމެޗްގައި ޕްރެސްޓަންއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ޖަހައިދިނީ ބެން ވުޑްބާންއެވެ.

މި މެޗަށްފަހު ވާހަކަ ދައްކަމުން ވުލްވްސްގެ ކޯޗް ބްރޫނޯ ލާޖް ބުނީ ހިމެނޭޒް މި ސީޒަންގައި ދައްކަމުންދާ ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށާއި, ލީގުގެ ފުރަތަމަ ތިން މެޗުގައި އޭނާ ނެތްތަން ވަަރަށް ބޮޑަށް ދެއްކި ކަމަށެވެ. އަދި މި މެޗުގައި އޭނާގެ ޓީމު ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި, އެންމެ މުހިންމު ކަމަކީ މި މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ލިބިގެންދިއުން ކަމަށްވެސް ވަނީ ބުނެފައެވެ.