ކުޅިވަރު

ތިންވަނަ ޑިވިޝަނުގެ ކްރޯލީ އަތުން ފުލަމް ބަލިވެއްޖެ


އިނގިރޭސި ލީގު ކަޕުގައި ތިންވަނަ ޑިވިޝަނުގެ ކްރޯލީ ޓައުން އަތުން މި ސީޒަނުގެ ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓުވި ފުލަމް ބަލިވެއްޖެއެވެ.

ކްރޯލީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު 2-0 ގެ ނަތީޖާއަކުންނެވެ.

ފުލަމުން މި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް، އެ ޓީމަށް މި މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މި މެޗަށް ފުލަމުން ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި ވާދަކުރި ފުރަތަމަ އެގާރައަށް 10 ބަދަލެއް ގެނެސްފައެވެ.

އެއާއެކު ކްރޯލީން އޭގެ ފައިދާ ނެގިއިރު، މެޗުގެ 16 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓޮމް ނިކޯލްސްއެވެ. އަދި މި މެޗުގައި ކްރޯލީން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ ކުޅުން ފަށައިގެން ހަތަރުވަނަ މިނެޓުގައި ޖަހައިދިނީ ޒުވާން ކުޅުންތެރިޔާ ޖޭމްސް ބަލަގީޒީއެވެ.

މި މެޗުން ކްރޯލީ މޮޅުވިއިރު، ތިންވަނަ ޑިވިޝަނުގެ 23 ވަނައިގައި އޮތުމުގެ އިތުރުން ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗްގެ ތެރެއިން ހަތަރު މެޗުން ބަލިވެފައިވާ ކްރޯލީއަށް މިއީ ވަރަށް ބޮޑު ކާމިޔާބީއެކެވެ.

މި މެޗަށްފަހު ވާހަކަ ދައްކަމުން ފުލަމުގެ ކޯޗް މާކޯ ސިލްވާ ބުނީ މެޗުގެ އެންމެ ފުރަތަމަ މިނެޓުން ފަށައިގެން މި މެޗުން މޮޅުވުމަށް އޭނާގެ ޓީމަށް ވުރެ ބޮޑަށް ކްރޯލީ ބޭނުންވެފައިވާކަން ހާމަވެގެންދިޔަ ކަމަށެވެ. އަދި މި ކާމިޔާބީއަށް ކްރޯލީއަށް މަރުހަބާ ކިޔާކަމަށްވެސް ވަނީ ބުނެފައެވެ.