މާލޭ އެކުވެނި ސަރަހައްދުގައި ގާއިމުކުރި އައުޓްޑޯ ތިން ވޮލީބޯޅަ ކޯޓުގެ މަސައްކަތް ނިންމާލައިފިއެވެ.
ވޮލީ ކޯޓުގެ މަސައްކަތް ނިމިފައިވާކަން އިއުލާން ކުރައްވައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގައި ގާއިމުކުރެވުނު އައުޓްޑޯ ތިން ކޯޓުގެ މަސައްކަތް ނިންމާލެވުމުން އެކަމާ އުފާކުރައްވާ ކަމަށެވެ.
މަޚްލޫފް އިތުރަށް ވިދާޅުވީ ބައެއް ކޮންޓްރެކްޓަރުން ވަގުތަށް މަސައްކަތް ނުނިންމުމަކީ އޭގެ ސަބަބުން ރައްޔިތުންނަށް ދަތިތަކެއް ދިމާވަމުންދާ ކަމަށާއި، އަދި މި މަސައްކަތަކީވެސް ކަނޑައެޅި ތާރީޚަށްވުރެ ލަހުން ނިމުނު މަސައްކަތެއް ކަމަށެވެ.
އެކުވެނި ސަރަހައްދުގައި އައުޓްޑޯ ތިން ވޮލީ ކޯޓު ގާއިމުކުރިއިރު، މާލެ ސަރަހައްދުގައި މީގެ ކުރިން ވޮލީ ކުޅުމަށް އޮތް ހުސް ބިމަކީ މޭރީ ބްރައުން ކައިރީ އޮންނަ ހުސްބިމެވެ. އެކަމަކު ޓެނިސް ކޯޓު އެޅުމަށް އެ ބިން ނެގުމާއެކު މާލެ ސަރަހައްދުގައި ވޮލީ ކުޅުންތެރިން ފަރިތަކުރަމުން އައީ، ސޯޝަލް ސެންޓަރު އަދި ސްކޫލްތަކުގެ ހޯލުތަކުގައެވެ.
މި ސަރުުކާރުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަކި ކުޅިވަރެއް ބެލުމެއް ނެތި ކުޅިވަރުތަކުގެ އިންފްރާސްޓަކްޗާ ގާއިމުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައުޓްޑޯ ވޮލީ ކޯޓު އެޅުމަކީވެސް ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މިހާތަނަށް އަށް ރަށެއްގެ ވޮލީ ކޯޓުގެ މަސައްކަތް ނިމިފައިވާކަން ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.