ކުޅިވަރު

ހަ މަސް ދުވަހަށް ފަހު ޔޫކްރެއިން ފުޓްބޯޅަ ލީގުގެ ކުޅުން ފަށައިފި


ރަޝިޔާއިން ޔޫކްރެއިނަށް އަރައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން މެދުކަނޑާލި ޔޫކްރެއިން ޕްރިމިއާ ލީގުގެ ކުޅުން އަލުން ފަށައިފިއެވެ.

އެގޮތުން އައު ސީޒަންގެ ފުރަތަމަ މެޗު އަންގާރަ ދުވަހުގެރޭ ވަނީ ވެރިރަށް ކިއޭވްގެ އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅެފައެވެ. މި މެޗުގައި ބައްދަލުކޮށްފައިވަނީ ޝަޚްތާރު ޑޮނެސްކާއި މެޓަލިސްޓް ހާކީވްއެވެ.

މި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި އެއްވަރުވެގެންނެވެ. މި މެޗުގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ފުރުސަތު ލިބިގެންދިޔަ ނަމަވެސް، އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފިފައެއް ނުވެއެވެ.

ޔޫކްރެއިންގައި ފުޓްބޯޅަ އަލުން ކުޅެން ފަށާފައި މިވަނީ ހަ މަސް ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ. އަދި ފުރަތަމަ މެޗު ކުޅުނުއިރު ދަނޑުގައި އެއްވެސް ސަޕޯޓަރެއް ނެތްއިރު، ރަޝިޔާގެ ފަރާތުން ހަމަލާއެއް އަތުވެދާނެ ކަމަށްޓަކައި ބޮމް ޝެލްޓާވެސް ވަނީ ތައްޔާރީ ހާލަތުގައި ދަނޑުގައި ބަހައްޓާފައެވެ. އަދި މި މެޗަށް ދެ ޓީމުގެ ކުޅުންތެރިންނާއި މެޗު އޮފިޝަލުން ނިކުތީ ޔޫކްރެއިންގެ ދިދަ ހިފައިގެންނެވެ. މީގެ އިތުރުން މެޗު ފެށުމުގެ ކުރިން ޔޫކްރެއިންގެ ރައީސް ވްލޮޑިމީރު ޒެލެންސްކީގެ ވާހަކަފުޅެއް އިއްވިއިރު، މެޗު ރަމްޒީކޮށް ފަށާދީފައިވަނީ ޔޫކްރެއިންގެ ސިފައިންގެ މީހެކެވެ.

އައު ސީޒަނުގެ ކުޅުން ޔޫކްރެއިންގައި ފެށި ނަމަވެސް މިވަގުތު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ވެރިރަށް ކިއޭވް އާއި ހުޅަނގުގެ ސަރަހައްދީ ރޮނގުކައިރީ އޮންނަ ދެ ޕްރޮވިންސެއްގައެވެ. ރަޝިޔާއިން ޔޫކްރެއިނަށް އަރާފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އެއާއެކު ޔޫކްރެއިން ޕްރިމިއާ ލީގުގެ މިދިޔަ ސީޒަނުގެ ވަނީ ކެންސަލް ކޮށްފައެވެ.