އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީއަށް ކުޅެމުން އައި އިޓަލީގެ އެމާސަން ޕަލްމިއެރީ, ވެސްޓް ހޭމް ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމާސަން ވެސްޓް ހޭމަށް ސޮއިކޮށްފައިވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެެވެ. އަދި އުމުރުން 28 އަހަރުގެ އެމާސަން ހޯދުމަށް ވެސްޓް ހޭމުން ވަނީ 15 މިލިޔަން ޕައުންޑް ހޭދަކޮށްފައެވެ.
އެމާސަން މިދިޔަ ސީޒަން ހޭދަކޮށްފައިވަނީ ލޯނު އެއްބަސްވުމެއްގެދަށުން ފްރެންޗް ލީގުގެ ލިޔޯންގައެވެ. 2018 ވަނަ އަހަރު ޗެލްސީއަށް ސޮއިކުރި އެމާސަންއަށް އެ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ލިބިފައިވަނީ މަދު މެޗެއްގައެވެ.
ވެސްޓް ހޭމަށް ސޮއިކުރުމަށްފަހު އެމާސަން ވަނީ އޭނާގެ އައު ޓީމާއެކު އަވަހަށް ކުޅުން ފެށުމަށް ބޭނުންވެފައިވާކަން ހާމަކޮށްފައެވެ. އެމާސަން ބުނީ ވެސްޓް ހޭމަކީ އޭނާ ދެކޭގޮތުގައި ބޮޑު ކުލަބެއް ކަމަށާއި, އަދި ވެސްޓް ހޭމަށް ސޮއި ކުރެވުނީތީ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
އެމާސަން އަކީ މި ސީޒަނަށް ވެސްޓް ހޭމަށް ގެންދިޔަ ހަތްވަނަ ކުޅުންތެރިޔާއެވެ.