ކުޅިވަރު

ބުރު ސްޕޯޓްސް ބަލިކޮށް ސަސްއަށް ރަނގަޅު ފެށުމެއް


ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގެ ފުރަތަމަ މެޗުގައި ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން ބުރު ސްޕޯޓްސް ކުލަބު ބަލިކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ފެށުން ރަނގަޅުކޮށްފިއެވެ.

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ބުރުގައިވާދަކުރަނީ ސަސް އާއި ބުރު ސްޕޯޓްސްގެ އިތުރުން މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ފުލަށް ދިޔަ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި ދެވަނަ ޑިވިޝަންގެ ރަނަރަޕް ކުލަބު ޓީނޭޖެވެ. މި ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނެއެވެ.

ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން ސަސް މޮޅުވީ ބުރު ސްޕޯޓްސް އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

ބުދަ ދުވަހުގެ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ނުރައްކާތެރި ހަމަލާއެއްވެސް އުފެއްދިފައެއް ނުވެއެވެ.

އެކަމަކު ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރުވަނަ މިނެޓުގައި ސަސްއިން ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. ހިލޭ ޖެހުމަކުން އަޙްމަދު އައިހަމް ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ހަމީދު (އައްމަޑޭ) އެވެ. އޭގެ ފަހުން މެޗުގެ 63 ވަނަ މިނެޓުގައި ހާފުގެ މެދެއްހާ ހިސާބުން ލިބުނު ބުރު ސްޕޯޓްސްގެ މުޙައްމަދު ތަޝްމީން (ތައްތި) ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.

މި މެޗުގެ 77 ވަނަ މިނެޓުގައި ސަސްގެ އަލީ ނަސޫހު ރަޝީދު (ޕިލާ) އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާއަށް ހުހަށް ހުރެ ލިބުނު ބޯޅަ ފޮނުވާލުމުގެ ކުރިން ބުރު ސްޕޯޓްސްގެ ގޯލްކީޕަރު މުޙައްމަދު ޖަޒްލާން ވަނީ އެ ހަމަލާ ހުއްޓުވާފައެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި ސަސްއިން ވަނީ ލީޑު ފުޅާކޮށްފައެވެ. ހިލޭ ޖެހުމަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އައިހަމެވެ.

މި މެޗުން ބުރު ސްޕޯޓްސް ބަލިވިއިރު، މިއީ މި ފަހަރުގެ ސީޒަނުގައި އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ. އެގޮތުން މި ފަހަރުގެ ދެވަނަ ޑިވިޝަން ބުރު ސްޕޯޓްސްއިން ކާމިޔާބުކުރީ ހުރިހާ މެޗަކުން މޮޅުވެ، ސައްތައިން ސައްތަ ރިކޯޑަކާއެކުއެވެ.