އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ސްޕެނިޝް ލީގުގެ ބާސެލޯނާގެ މެދުގައި ކުޅުނު އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެއެވެ.
ބާސާގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 21 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ވެސް ސިޓީއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ޖޫލިއަން އަލްވަރޭޒްއެވެ.
އެކަމަކު މި ލަނޑު ޖެހިތާ 8 މިނެޓްފަހުން ބަސާއިންވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ޕިއޭ އެމެރިކް އައުބެމެޔާންގއެވެ. އަދި މެޗްގެ 66 ވަނަ މިނެޓްގައި ފްރޭންކީ ޑި ޔޮންގ ޖަހާދިން ލަނޑުން ބާސާ މިމެޗްގައި ލީޑު ނެގިއެވެ. އެކަމަކު މިލަނޑު ޖެހިތާ ހަތަރު މިނެޓްފަހުން ސިޓީގެ ކޯލް ޕާމާ ޖަހާދިން ލަނޑުން ސިޓީން ނަތީޖާ ހަމަހަމަކުރިއެވެ.
މިމެޗްގައި ދެވަނަ ފަހަރަށް ބާސާއިން ލީޑު ނަގާ އެޓީމްގެ ތިންވަނަ ލަނޑު ޖަހާދިނީ މެޗްގެ 79 ވަނަ މިނެޓްގައި މެމްފިސް ޑެޕާއިއެވެ. މިލަނޑާއެކު މިމެޗުން ބާސާ މޮޅު ވާނެކަމަށް ހީވި ނަމަވެސް މެޗްގެ އިތުރު ވަގުތުގެ 9 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ސިޓީއިން މެޗްގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ރިޔާދު މަހްރެއިޒްއެވެ.
ރަހްމަތްތެރިކަމުގެ މިމެޗަކީ ބަސާގެ ކުރީގެ ކުޅުންތެރިޔާ އަދި ކޯޗް ހުއާން ކާލޯސް އުންޒޫގެ ޝަރަފުގައި އެމިޔޮޓްރޮފިކް ލެޓެރަލް ސްލެރޮސިސް، އޭއެލްއެސްއަށް މީހުން ހޭލުން ތެރިކުރުމުގެ ބޭނުމުގައި ކުޅުނު މެޗެކެވެ. އުންޒޫގެ ގައިން ވަނީ މިބަލީގެ އަސަރު މީގެ ދެއަހަރު ކުރިން ފެނިފައެވެ. އަދި މިމެޗް އެންމެ ފުރަތަމަ ކުޅުމަށް ހަމަޖެހިފައި އޮތީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައެވެ. ނަމަވެސް ކޮރޯނާ ވައިރަހުގެ ސަބަބުން ސަޕޯޓަރުންނަށް ދަނޑަށް ނުވަދެވޭތީ އެމެޗް މިއަހަރަށް ފަސް ކުރީއެވެ. މިމެޗް ބަލާލުމަށް 91 ހާސް 62 މީހުން ދަނޑަށް ވަދެފައިވެއެވެ.