އިނގިރޭސި ލީގު ކަޕުގައި ހަތަރުވަނަ ޑިވިޝަނުގެ ޓްރަންމައާ ރޯވާސްއާ ދެކޮޅަށް ކުޅުނު މެޗު ޕްރިމިއާ ލީގުގެ ނިއުކާސްލް ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.
ރަށުން ބޭރުގައި ކުޅުނު މި މެޗު ނިއުކާސަލުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނިއުކާސްލްއިންނެވެ. ނަމަވެސް މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޓްރަންމައަރއިންނެވެ. މިލަނޑު މެޗްގެ 21 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެލިއޮޓް ނެވިޓްއެވެ.
މިމެޗްގައި ނިއުކާސްލްއަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނީ މެޗްގެ 40 ވަނަ މިނެޓްގައި ކެޕްޓަން ޖަމާލް ލަސެލްސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މިމެޗުން ނިއުކާސްލް މޮޅުވި ލަނޑު މެޗްގެ 52 ވަނަ މިނެޓްގައި ޖަހާދިނީ ކިއެރަން ޓްރިޕިއަރ ނަގާދިން ކޯނަރަކުން ކްރިސް ވުޑްއެވެ. މިމެޗަށް ނިއުކާސްލްއިން ނެރެފައިވަނީ އެންމެ ފަހުން މެންޗެސްޓަރ ސިޓީ އާއި ބައްދަލުކޮށް އެއްވަރުވި ފޯރިގަދަ މެޗްގައި ނެރުނު އެގާރައަށް 10 ބަދަލެއް ގެނެސްގެންނެވެ.
މިކާމިޔާބީއާއެކު މިމުބާރާތުގެ ތިންވަނަ ބުރުން ނިއުކާސްލް ޖާގަހޯދާފައިވާއިރު އެމެޗްގައި ބައްދަލުކުރާނީ ޕްރިމިއަރ ލީގަށް ނިސްބަތްވާ އެހެން ކްލަބެއް ކަމަށްވާ ކްރިސްޓަލް ޕެލަސްއާ އަމިއްލަ ދަނޑުގައެވެ.