ކުޅިވަރު

ގްރޫޕް ސްޓޭޖުގައި ބާސާ އާއި ބަޔާނުގެ ކުރިމަތިލުމެއް


ޔޫރަޕުގެ ކުލަބުތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރުއަތުލުން ބާއްވާފިއެވެ.

ތުރުކީގެ އިސްތަންބޫލްގައި ބޭއްވި މިގުރުނެގުމުގައި މިފަހަރުގެ މުބާރާތަށް ކޮލިފައިވެފައިވާ 32 ޓީމްވަނީ އަށް ގްރޫޕަކަށް ބަހާލެވިގެން ގޮސްފައެވެ.

ދުނިޔޭގައި ކްލަބް ފުޓްބޯޅައިގައި އެންމެ ފާހަގަ ކޮށްލެވޭ އެއް މުބާރާތް ކަމަށްވާ ޔުއޭފާ ޗެމްޕިއަންސް ލީގުގެ އާސީޒަންގެ ކުޅުން މިއަންނަ މަހު ފެށުމަށް ހަމަޖެހިފައިވާއިރު ރޭ ނެގިގެންދިޔަ ގުރުއަތުލުން މިފަހަރުގެ މުބާރާތުގައިވެސް ފޯރިގަދަ ވާދަވެރި ކުރިމަތިލުންތަކެއްގެ އިތުރުން ކްލަބް ބަދަލުވެފައިވާ ބައެއް ކުޅުންތެރިން ކުރީގެ ކްލަބްތަކާއި ބައްދަލުކުރާތަންވެސް ފެނިގެންދާނެކަން ވަނީ ޔަގީންވެގެން ގޮސްފައެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް މިފަހަރު ހިމެނިފައިވަނީ ގްރޫޕް އެފްގައެވެ. މި ގްރޫޕްގައި ދެން ހިމެނޭ ޓީމުތަކަކީ، ޖަރުމަނުގެ އާރްބީ ލެއިޕްޒީގް، ޔޫކްރެއިންގެ ޝަކްޓާ ޑޮނެސްކް އަދި މިމުބާރާތް އެއްފަހަރު ކާމިޔާބުކޮށްފައިވާ ސްކޮޓިޝް ޕްރިމިއަރ ލީގުގެ ސެލްޓިކްއެވެ.

އެންމެ ފަހުގެ ރަނަރަޕް ލިވަލޫލް ހިމެނިފައިވަނީ ގްރޫޕްއޭ ގައެވެ. ދެން މި ގްރޫޕްގައި ހިމެނެނީ އަޔެކްސް އާއި ނާޕޮލީގެ އިތުރުން ރޭންޖާސްއެވެ.

ގްރޫޕް ބީގައި ހިމެނެނީ މިމުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައިވާ ޕޯޗުގަލްގެ އެފްސީ ޕޯޓޯ އާއި ސްޕެނިޝް ލީގުގެ އެތްލެޓިކޯ މެޑްރިޑާއި ޖަރުމަނު ބުންޑަސްލީގާގެ ބަޔަރ ލެވަރކޫސެން އާއި ބެލްޖިއަމްގެ ޗެމްޕިއަން ކްލަބް ބްރޫޖްއެވެ.