ކުޅިވަރު

ލޯނު އުސޫލުން އާސެނަލުގެ ޕެޕޭ ނީސްއަށް


އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލަށް ކުޅެމުން އަންނަ ކޯޓެޑިއުއާގެ ނިކޮލަސް ޕެޕޭ، ލޯނު އެއްބަސްވުމެއްގެ ދަށުން ފްރެންޗް ލީގުގެ ނީސްއަށް ބަދަލުވެއްޖެއެވެ.

މަޢުލޫމާތުލިބިފައިވާގޮތުގައި އޭނާ ނީސްއަށް ބަދަލުވެފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ނަމަވެސް އެއ އަހަރު ފަހުން ނީސް އިން ބޭނުންވެއްޖެ ނަމަ ގަތުމުގެ ފުރުސަތު މިއެއްބަސްވުމުގެ ދަށުން ހުޅުވާލަދީފައެއް ނުވެއެވެ. އުމުރުން 27 އަހަރުގެ ޕެޕޭ އާސެނަލްއަށް ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރު ކްލަބްގެ ރިކޯޑް އަގެއް ކަމަށްވާ 72 މިލިއަން ޕައުންޑްގެ އަގަކަށެވެ. އާސެނަލްއިން ވަނީ ޕެޕޭ ނީސްގައި ކަމިޔާބު ސީޒަނެއް ހޭދަކުރާނެކަމަށް އުންމިދު ކުރާކަން ހާމަކޮށްފައެވެ. އާސެނަލްއިން މިސީޒަންގައި މިހާތަނަށް ކުޅެފައިވާ އެއްވެސް މެޗެއްގައި ޕެޕޭ ކުޅެފައެއް ނުވެއެވެ. އޭނާވަނީ އާސެނަލްއިން މިހާތަނަށް ކުޅުނު 112 މެޗްގައި 27 ލަނޑު ޖަހާދީފައެވެ. ނީސްއިން ވަނީ މެކަބީ ޓެޓް އަވީވް އާއި ރޭ ބައްދަލުކުރިމެޗްގެ ކުރިން އެކްލަބްގެ ސަޕޯޓަރުންނަށް ޕެޕޭ ތައާރަފްކޮށްފައެވެ.

އާސެނަލްއިން ވަނީ މިސީޒަނަށް އެކްލަބް ވަރުގަދަ ކުރުމުގެ ގޮތުން މިހިންމު ކުޅުންތެރިންތަކެއް ގެނެސްފައެވެ. އަދި މިވަގުތު އާސެނަލް އޮތީ ޕްރިމިއަރ ލީގުގައި ކުޅުނު ތިން މެޗް ކާމިޔާބުކޮށް ތާވަލްގެ އެއްވަނައިގައެވެ.