ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ރިސޯޓް ލީގު 2022" ގެ ނޯތު މާލޭ ޒޯނުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ވަން އެންޑް އޮންލީ ރީތި ރަށާއި ވަރު މޯލްޑިވްސް ބައްދަލުކުރަން ޖެހިއްޖެއެވެ.
ހުކުރު ދުވަހު ކުޅުނު މުބާރާތުގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗު ކާމިޔާބުކޮށް ރީތި ރަށް ސެމީ ފައިނަލުން ޖާގަ ހޯދާފައިވަނީ ވާދަވެރި ކުރިމަތިލުމަކަށްފަހު ރިޓްޒް ކާލްޓަން 3-2 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.
އަދި ކުއާޓާ ފައިނަލުގެ ދެވަނަ މެޗު ވަރު މޯލްޑިވްސްއިން ކާމިޔާބުކޮށްފައިވަނީ ޕެނަލްޓީގައި ގިލި ލަންކަންފުށި ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެއާއެކު ޕެނަލްޓީ ޝޫޓްއައުޓުގައި ވަރު މޯލްޑިވްސް ކުރިހޯދީ 5-2 ގެ ނަތީޖާއަކުންނެވެ.
މި ނަތީޖާތަކާއެކު ރީތި ރަށާއި ވަރު މޯލްޑިވްސް ސެމީ ފައިނަލަށް ދަތުރުކުރިއިރު، ސެމީގެ ފުރަތަމަ މެޗުގައި މި ދެ ޓީމު ބައްދަލުކުރާނީ އަންނަ ހޯމަ ދުވަހުގެ ހަވީރެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި ބައްދަލުކުރާނީ ޝެރަޓަން އާއި ބަރޮސް މޯލްޑިވްސް އެވެ. އަދި ހަތަރުވަނަ މެޗުގައި ބައްދަލުކުރާނީ ޕަޓީނާ މޯލްޑިވްސް އާއި ފޯ ސީޒަންސް ކުޑ ހުރާއެވެ. މި މެޗުތައް ކުޅޭނީ ހޮނިހިރު ދުވަހުގެ ހަވީރެވެ.
ޖުމްލަ 12 ޓީމާއެކު ފެށި ނޯތު މާލޭ ޒޯނުގެ ކުއާޓާ ފައިނަލް މެޗުތަކަށްފަހު ސެމީ ފައިނަލް މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ ހޯމަ ދުވަހެވެ. އަދި ފައިނަލް މެޗު ކުޅޭނީ އަންނަ ބުދަ ދުވަހެވެ.