ދިގު އިންތިޒާރަކަށްފަހު "ގޭމް އޮފް ތްރޯންސް" ގެ ޕްރީކުއެލް، "ހައުސް އޮފް ދަ ޑްރެގަން" ޕްރިމިއަރ ކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
މި ސީރީޒްގެ ފުރަތަމަ އެޕިސޯޑް އޮންއެއަރ ކުރުމާއެކު އެޗް.ބީ.އޯގެ ރެކޯޑުތައް މުގުރާލާފައިވެއެވެ. "ހައުސް އޮފް ދަ ޑްރެގަން" ވަނީ އެޗް.ބީ.އޯ ކޭބަލް ޗެނަލް އެޗް.ބީ.އޯ މެކްސްގެ ރެކޯޑުތައްވެސް އާކޮށްފައެވެ. ކޭބަލް މެދުވެރިކޮށް ގާތްގަޑަކަށް 10 މިލިއަން މީހުން މިހާރު ވަނީ މި ސީރީޒް ބަލާފައެވެ.
މިއާއެކު ކޭބަލް މެދުވެރިކޮށް މިއަހަރު ތެރޭ އެންމެ ގިނަ ބަޔަކު ބެލި ސީރީޒަކަށް މި ސީރީޒް ވަނީ ވެފައެވެ. މިއީ ނެޓްފްލިކްސްގެ ކާމިޔާބު ޝޯވ "ސްޓްރޭންޖާ ތިންގްސް" އާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.
"ހައުސް އޮފް ދަ ޑްރެގަން" ގައި ދައްކަނީ "ގޭމް އޮފް ތްރޯންސް" އިން ފެންނަ ކަންތައްތަކުގެ 200 އަހަރު ކުރީގައި ހިނގާފައިވާ ހާދިސާތަކެވެ. ފުރަތަމަ ސީޒަނަށް ލިބެމުންދާ ތަރުޚީބަށް ބަލާ، ސީރީޒްގެ ދެވަނަ ސީޒަނެއް އަންނާނެކަން މިހާރު މިވަނީ އިޢުލާންކޮށްފައެވެ. މިކަން އެޗް.ބީ.އޯގެ އިތުރުން "ހައުސް އޮފް ދަ ޑްރެގަން"ގެ ރަސްމީ ޓުވިޓަރ އެކައުންޓުންވެސް ވަނީ ހާމަކޮށްފައެވެ.
Fire reigns. #HouseoftheDragon has been renewed for Season 2. pic.twitter.com/6CxhzC7SKv
— House of the Dragon (@HouseofDragon) August 26, 2022
މި ސީރީޒް ބިނާކޮށްފައި ވަނީ ހަމަ ގޭމް އޮފް ތުރޯންސްގެ ލިޔުންތެރިޔާ އާރްއާރް މާޓިންގެ 2018 ގެ ނެރުނު "ފަޔާ އެންޑް ބްލަޑް" ވާހަކަ އަށެވެ.
މާޓިން އާއި ރަޔަން ޖޭ ކޮންޑާލް ޕްރޮޑިއުސްކުރާ "ހައުސް އޮފް ދަ ޑްރެގަން" ގެ ފުރަތަމަ ސީޒަނުގައި 10 އެޕިސޯޑް ގެނެސްދޭނެއެވެ. އެ ސީރީޒްގެ ލީޑު ކާސްޓްގައި ހިމެނެނީ ޕެޑީ ކޮންޒިޑީން، އެމާ ޑާސީ، އޮލިވިއާ ކުކް، މެޓް ސުމިތު، ރީސް އިފަންސް، ސްޓީވް ޓުޒައިންޓް، އީވް ބެސްޓް، ޖެފާސަން ހޯލް އަދި ބިލް ޕެޓާސަން އެވެ.
ޖުމްލަ 8 ސީޒަން ދެއްކުމަށް ފަހު، 2011 ގައި ފެށި ގޭމް އޮފް ތުރޯންސް ނިންމާލީ، 2018 ގަ އެވެ. އޭގެ 7 ސީޒަނަށް ބޮޑު ތަރުހީބެއް ލިބުނުއިރު، މިއީ އެޗް.ބީ.އޯގެ ތާރީޚުގައިވެސް އުފެއްދި އެންމެ އަގުބޮޑު އެއް ސީރީޒެވެ.