ޚަބަރު

"ސްޓްރޭންޖާ ތިންގްސް" ގެ ފަހު ސީޒަންގައި 8 އެޕިސޯޑު


"ސްޓްރޭންޖާ ތިންގްސް" ސީޒަން 4 ގެ ބޮޑު ކާމިޔާބީއަށްފަހު ބެލުންތެރިން މިހާރު އެންމެ އިންތިޒާރު ކުރަމުންދަނީ ސީރީޒްގެ ފިނާލޭއަށެވެ. މި ސީރީޒްގެ ފައިނަލް ސީޒަން ބަލާލަން ފޭނުން ތިބީ ވަރަށް ބޮޑަށް ކެތްމަދުވެފައެވެ.

ސީޒަން 4 އަށްފަހު ދެން އަންނަ ސީޒަންގައި ވާނެ ގޮތަކާއިމެދު ބައިވަރު ވާހަކަތައް ދެކެވެއެވެ. ފައިނަލް ސީޒަންގެ މަސައްކަތް ފަށާފައިވާ ކަމަށް މިމަހުގެ ކުރީކޮޅު ޕްރޮޑަކްޝަން ޓީމުން ވަނީ ހާމަކޮށްފައެވެ.

"ސްޓްރޭންޖާ ތިންގްސް" ފައިނަލް ސީޒަންގެ މަސައްކަތް ފަށާފައިވާކަން މި ސީޒަންގެ ލިޔުންތެރިޔާގެ ޓީމުން ވަނީ ކަށަވަރުވެސްކޮށްދީފައެވެ. އަދި މިހާރު މި ވަނީ ސީރީޒްގެ ފިނާލޭގައި ހިމެނޭނެ އެޕިސޯޑުތަކުގެ އަދަދުވެސް އެމީހުން ހާމަކޮށްފައެވެ. ފަހު ސީޒަންގައި ޖުމްލަ 8 އެޕިސޯޑެއް ހިމެނޭނެއެވެ.


2016 ވަނަ އަހަރު ރިލީޒްކުރި "ސްޓްރޭންޖާ ދިންގްސް"ގެ ފުރަތަމަ ސީޒަންގައި ހިމެނެނީ 8 އެޕިސޯޑެވެ. ދެވަނަ ސީޒަންގައި 9 އެޕިސޯޑް ހިމެނޭއިރު، 3 ވަނަ ސީޒަންގައި 8 އެޕިސޯޑެއް ހިމެނެއެވެ. އަދި މިއަހަރުގެ ޖުލައިމަހު ނެރުނު 4 ވަނަ ސީޒަންގައި ޖުމްލަ 9 އެޕިސޯޑެއް ހިމަނާފައިވެއެވެ.

ކުޑަކުދިންނާއި ޒުވާނުންގެ މެދުގައިވެސް ބޮޑު މަޤޫބޫލުކަމެއް ހޯދާފައިވާ މި ސީރީޒްގެ ލީޑް ކާސްޓުންގެ ތެރެއިން މިލީ ބޮބީ ބްރައުން، ފިން ވޯލްފްހާޑް، ގޭޓެން މަޓަރާޒޯ އަދި ކެލެބް މެކްލަފްލިން ހިމެނެއެވެ. ސީރީޒްގެ އޮރިޖިނަލް ލީޑް ކާސްޓު، އެންމެފަހު ސީޒަންގައި ހަމަ އެ ރޯލުތަކުން ފެނިގެންދާނެކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

"ސްޓްރޭންޖާ ތިންގްސް 4" ވަނީ ގިނަ ބަޔަކު ބަލައި، އެ ސީޒަން ސްޓްރީމް ކުރި ވަގުތު އެއް ބިލިއަން ގަޑިއިރަށް އަރާފައެވެ. މިއީ ނެޓްފްލިކްސްގެ ތާރީޚުގައި މިހާތަނަށް ސީރީޒެއްގެ ސީޒަނަކަށް އެއް ބިލިއަންގެ ސްޓްރީމިން ލިބުނު ދެވަނަ ފަހަރެވެ. އެ ލިސްޓުގެ އެއްވަނައިގައި އޮތީ މިދިޔަ އަހަރު ނެރުނު ކޮރިއަން ތުރިލާ ސީރީޒް "ސްކުއިޑް ގޭމްސް" އެވެ. އެއީ 1.65 ބިލިއަން ގަޑިއިރު ބަލައިގެންނެވެ.

"ސްޓްރޭންޖާ ތިންގްސް" ގެ ފިނާލޭ ސީޒަން ބެލުންތެރިންނާއި ހަމައަށް އަންނާނެކަމަށް ބެލެވެނީ އަންނަ އަހަރުގެ ފަހުކޮޅު ނުވަތަ 2024 ވަނަ އަހަރުގެ ތެރޭގައެވެ.