ޔުއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ގްރޫޕް މަރުހަލާގެ ގުރުލުން ތުރުކީގެ އިސްތަންބޫލްގައި ބާއްވައިފިއެވެ.
މި ފަހަރުގެ މުބާރާތަށް ކޮލިފައިވެފައިވާ 32 ޓީމު ވަނީ އަށް ގްރޫޕަކަށް ބަހާލެވިގެން ގޮސްފައެވެ. މިދިޔަ ސީޒަންގައި ޔުއެފާއިން އަލަށް ފެށި ޔޫރޮޕާ ކޮންފަރެންސް ލީގުގެ ދެވަނަ މުބާރާތުގެ ގުރުއަތުލުމުގައި ޓީމުތައް ބެހިގެންދިޔަ ގޮތަށް ބަލާއިރު ގްރޫޕް އޭގައި ހިމެނެނީ ތުރުކީގެ އިސްތަންބޫލް ބެޝަކްޝެޚީރާއި، އިޓަލީގެ ފިއޮރެންޓީނާ އާއި، ސްކޮޓިޝް ޕްރިމިއާ ލީގުގެ ހާޓްސް އޮފް މިޑްލޯތިއަންސް އަދި ލެޓްވިއާގެ އާރްއެފްއެސްއެވެ.
އަދި ގްރޫޕް ބީގައި ހިމެނެނީ އިނގިރޭސި ޕްރިމިއާ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑާއި، ރުމޭނިއާގެ އެފްސީއެސްބީ އާއި، ބެލްޖިއަމުގެ އެންޑަލެކްޓް އަދި ޑެންމާކުގެ ސިލްކެބޯޓެވެ. ގްރޫޕް ސީގައި ސްޕެނިޝް ލީގުގެ ވިޔަރެއާލާއި، އިސްރާއީލުގެ ހަޕޮއެލް ބީރް އާއި، އޮސްޓްރިއާ ވިއެން އަދި ޕޯލަންޑުގެ ލެޗް ޕޮސްނަން ހިމެނޭއިރު، ގްރޫޕް ޑީގައި ހިމެނެނީ ސާބިއާގެ ޕާޓިޒާން އާއި، ޖަރުމަނުގެ ކޮލޯން އާއި، ފްރެންޗް ލީގުގެ ނީސް އަދި ޗެކް ރިޕަބްލިކުގެ ސްލޮވަޗްކޯއެވެ.
ގްރޫޕް އެފްގައި ހިމެނެނީ ބެލްޖިއަމުގެ ގެންޓާއި، ނޯވޭގެ މޯލްޑާ އާއި، އަޔަލަންޑުގެ ޝެމްރޮކް ރޯވާސް އަދި ސްވިޑެންގެ ޖިއާގާޑެންސްއެވެ. ގްރޫޕް ޖީ ގައި ޗެކް ރިޕަބްލިކުގެ ސްލާވިއާ ޕްރާހާ އާއި، ރުމޭނިއާގެ ނައިންޓީންޒީ ރޯސެވަން ކްރޫޖާއި، ތުރުކީގެ ސިވާސްޕޯ އަދި ކޮސޯވޯގެ ބާލްކަނީ ހިމެނޭއިރު، ގްރޫޕް އެޗްގައި ހިމެނެނީ ސްވިޓްޒަލަންޑުގެ ބާޒެލް އާއި، ސްލޮވާކިއާގެ ސްލޮވަން ބްރަޓިސްލާވާ އާއި، ލިތުއޭނިއާގެ ޒަލްގިރިސް ވިލްނިއަސް އަދި އަރްމީނިއާގެ ޕިޔުނިކްއެވެ.
މި މުބާރާތުގެ ގްރޫޕް މަރުހަލާގެ މެޗްތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އަށްވަނަ ދުވަހުގެ ރެއެވެ. އަދި ވޯލްޑް ކަޕްގެ ކުރިން ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ގްރޫޕް މަރުހަލާގެ މެޗްތައް ކުޅެ ނިންމާލުމަށް ވަނީ ހަމަޖެހިފައެވެ. މިފަހަރުގެ މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ ހަތްވަނަ ދުވަހު ޕްރާގުގެ އެޑެން އެރީނާގައެވެ.