ޔުއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް މަރުހަލާގެ ގުރުލުން ބާއްވައިފިއެވެ.
ތުރުކީގެ އިސްތަންބޫލުގައި ބޭއްވި މި ގުރުނެގުމުގައި މި ފަހަރުގެ މުބާރާތަށް ކޮލިފައިވެފައިވާ 32 ޓީމު ވަނީ އަށް ގްރޫޕަކަށް ބަހާލެވިގެން ގޮސްފައެވެ.
އެގޮތުން ގްރޫޕުތައް ބެހިފައިވާގޮތައް ބަލާލާއިރު ގްރޫޕް އޭގައި ހިމެނެނީ އާސެނަލާއި، ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޯވެން އާއި، ނޯވޭގެ ބޯޑޯ ގްލިމްޓް އަދި ސްވިޓްޒަލަންޑުގެ ޒިއުރިކް އެފްސީއެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ޔޫކްރެއިންގެ ޑީނަމޯ ކިއެވް އާއި، ފްރެންޗް ލީގުގެ ރެން އާއި، ތުރުކީގެ ފެނަބާޗޭގެ އިތުރުން ސައިޕްރަސްގެ ލާނަސާ އެފްސީއެވެ.
މުބާރާތުގެ ގްރޫޕް ސީގައި ހިމެނެނީ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ޗެމްޕިއަން އިޓަލީގެ ރޯމާ އާއި، ބަލްގޭރިއާގެ ލުޑޮގޮރެޓްސް އާއި ސްޕެނިޝް ލީގުގެ ރެއާލް ބެޓިސް އަދި ފިންލަންޑުގެ ހެލްސިންކީއެވެ.
ގްރޫޕްގައިޑީ ގައި ޕޯޗުގަލުގެ ގްރާގާ އާއި، ސްވިޑެންގެ މަލްމޯ އާއި، ޖަރުމަނުގެ ޔޫނިއަން ބާލިން އަދި ބެލްޖިއަމުގެ ޔޫނިއަން ސެއިންޓް ގިލޮއިސް ހިމެނޭއިރު، ގްރޫޕް އީގައި ހިމެނެނީ ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއި ސްޕެނިޝް ލީގުގެ ރެއާލް ސޮސިއެޑާޑާއި، މޮލްޑޯވާގެ އިތުރުން ސައިޕްރަސްގެ އޮމޮނޯއިއާ އެފްސީއެވެ.
ގްރޫޕް އެފްގައި އިޓަލީގެ ލާޒިއޯ އާއި، ނެދަލަންޑްސްގެ ފެޔެނޯޑާއި، ޑެންމާކުގެ މިޑްޗިލަންޑް އަދި އޮސްޓްރިއާގެ ސްޓާމް ގްރާޒް ހިމެނޭއިރު، ގްރޫޕް ޖީގައި ހިމެނެނީ ގްރީސްގެ އޮލިމްޕިއާކޯސް އާއި އަޒަރުބައިޖާނުގެ ގްރަބާގާއި، ޖަރުމަނުގެފްރެއިބާގް އަދި ފްރެންޗް ލީގުގެ ނޯންޓްސްއެވެ.
މީގެ އިތުރުން މި މުބާރާތުގެ ގްރޫޕް އެޗްގައި ހިމެނެނީ ސާބިއާގެ ކްރަވޭނާ ޒްވެޒްޑާ އާއި، ފްރެންޗް ލީގުގެ މޮނާކޯ އާއި، ހަންގޭރީގެ ފެރެންކްވަރޯސީ އަދި ތުރުކީގެ ޓްރަބްޒޮންސްޕޯއެވެ.
މިއަހަރުގެ ފަހު ކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ސަބަބުން ޔުއެފާއިން ކުރިއަށްގެންދާ އެހެން މުބާރާތް ތަކެކޭ އެއްގޮތަށް ޔޫރޮޕާ ލީގުގެ ގްރޫޕް މަރުހަލާވެސް ވޯލްޑް ކަޕް ފެށުމުގެ ކުރިން ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަންނަ މަހުގެ އަށްވަނަ ދުވަހު މުބާރާތް ފެށުމަށްފަހު ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ގްރޫޕް މަރުހަލާގެ މެޗްތައް ކުޅެ ނިންމާލާނެއެވެ.
ދެވަނަ ބުރުގެ ކުޅުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ މެދުތެރޭ ފެށުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 31 ވަނަ ދުވަހު ހަންގޭރީގެ ބުޑަޕެސްޓުގެ ޕުސްކާސް އެރީނާގައެވެ.