އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިއަށްގެންދިޔަ މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2022 ގައި ހޮނިހިރު ދުވަހު ހެނދުނު ކުރިއަށްދިޔަ ފިރިހެނުންގެ ލޯންގް ޖަމްޕް އިވެންޓުގައި އިބްރާހީމް ނާހިލް ނިޒާރު ގައުމީ ރިކޯޑު އަނެއްކާވެސް އާކޮށްފިއެވެ.
އުމުރުން 17 އަހަރުގެ ނާހިލް ލޯންގް ޖަމްޕުގެ ގައުމީ ރިކޯޑު އެންމެ ފުރަތަމަ މުގުރާލީ މި މަހު 14 ވަނަ ދުވަހު ތުރުކީގެ ކޮންޔާގައި ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައެވެ.
އެ މުބާރާތުގައި ނާހިލް މުގުރާލި ރިކޯޑަކީ މީގެ 13 އަހަރު ކުރިން ކުރީގެ މަޝްހޫރު އެތުލީޓު ހުސައިން ހަލީމް ހަދާފައިވާ ގައުމީ ރިކޯޑެވެ. އެގޮތުން ހުސެއިން ރިކޯޑު ހެދީ 2009 ވަނަ އަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި 6.47 މީޓަރު ދުރަށް ފުންމައިގެންނެވެ. އޭގެ ފަހުން އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ނާހިލް ރިކޯޑު ހެދީ ލޯންގް ޖަމްޕުގެ ފައިނަލުގައި 6.71 މީޓަރު ދުރަށް ފުންމައިގެންނެވެ.
އަދި ހޮނިހިރު ދުވަހު ހެނދުނު ނާހިލް އޭނާގެ އަމިއްލަ ރިކޯޑު އާކުރީ 6.82 މީޓަރު ދުރަށް ފުންމައިގެންނެވެ.
މި އިވެންޓުގެ ރަން މެޑެލް ނާހިލް ހޯދިއިރު، ދެވަނައަށް ދިޔައީ ރައުހަތު ސްޕޯޓްސް އެކެޑަމީގެ އިބާދުﷲ އާދަމެވެ. އިބާދުﷲ ވަނީ 6.48 މީޓަރަށް ފުންމާފައެވެ. އަދި ތިންވަނައަށް ދިޔައީ ސާއިދު ސްޕޯޓްސްގެ އާދަމް ރިފްއަތެވެ. އޭނާއަށް ފުންމުނީ 5.71 މީޓަރަށެވެ.