ކުޅިވަރު

ބޯންމަތު އަތުން ލިވަޕޫލަށް ރިކޯޑު މޮޅެއް


އިނގިރޭސި ޕްރިމިއާ ލީގުގައި ބޯންމަތު އަތުން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، މި ފަހަރުގެ ސީޒަނުގައި ފުރަތަމަ ފަހަރަށް ލީގު މެޗަކުން ލިވަޕޫލް މޮޅުވެއްޖެއެވެ.

ލިވަޕޫލުގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔަބުކުރީ 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ލިވަޕޫލުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ނުވަ ލަނޑާއެކު، ލިވަޕޫލް ވަނީ އެއް މެޗެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑާ ހަމަކޮށްފައެވެ. އެގޮތުން ޕްރިމިއާ ލީގު މެޗެއްގައި ނުވަ ލަނޑުގެ ރިކޯޑު އެންމެ ފުރަތަމަ ހަދާފައިވަނީ 1995 ވަަނަ އަހަރު އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅެ މެންޗެސްޓާ ޔުނައިޓެޑުންނެވެ. އަދި މިދިޔަ އަހަރު ޔުނައިޓެޑުން ވަނީ ސައުތެމްޕްޓަނާ ދެކޮޅަށްވެސް ނުވަ ލަނޑު ޖަހާފައެވެ. އަދި 2019 ވަނަ އަަހަރު ލެސްޓާ ސިޓީންވެސް ސައުތެމްޕްޓަން ކޮޅަށް ނުވަ ލަނޑު ޖަހާފައެވެ.

ރޭގެ މެޗުގައި ލިވަޕޫލުގެ ލަނޑުތައް ޖަހައިދިނީ ލުއިސް ޑިއާޒާއި، ހާވީ އެލިއޮޓާއި، ޓްރެންޓް އަލެކްޒެންޑަ-އާނޯލްޑާއި، ރޮބާޓޯ ފިރްމީނޯ އާއި، ވާޖިލް ވެން ޑައިކް އަދި ފަބިއޯ ކާވަޅޯއެވެ. މީގެ ތެރެއިން ޑިއާޒާ ފިރްމީނޯ ދެ ލަނޑު ޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑަކީ ބޯންމަތުގެ ކްރިސް މެފަމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މެޗުން ލިވަޕޫލް މޮޅުވިއިރު، މި ފަހަރުގެ ލީގުގައި އެންމެ ފުރަތަމަ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އެ ޓީމު ވަނީ އެއްވަރުވެފައެވެ. އަދި މީގެ ކުރިން ޔުނައިޓެޑް އަތުން ލިވަޕޫލް ވަނީ ބަލިވެފައެެވެ. އެއާއެކު މިވަގުތު ލިވަޕޫލް އުޅެނީ ކުޅުނު ހަތަރު މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ތާވަލުގެ އަށްވަނައިގައެވެ. އަދި ބޯންމަތު އުޅެނީ ތިން ޕޮއިންޓާއެކު ތާވަލުގެ 16 ވަނައިގައެވެ.