ޖަރުމަން ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާއި ބޮރޫޝިއާ މޮންޗެންގްލަޑްބެކް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ބަޔާނުގެ ދަނޑުގައި ކުޅުނު މި މެޗް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާނުންނެވެ. އެކަމަކު މި މެޗުގައި އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ ގްލަޑްބެކުގެ ގޯލްކީޕަރު ޔާން ސޮމަާއެވެ. އެގޮތުން އޭނާ ވަނީ ބަޔާނުން ފޮނުވާލި 19 ހަމަލާއެއް ދިފާއުކޮށްފައެވެ. މިއީ ޖަރުމަން ލީގުގެ ރިކޯޑެކެވެ.
މި މެޗުގައި ބަޔާނުގެ ސާޑިއޯ މާނޭ ދެ ލަނޑު ޖެހި ނަމަވެސް، އެ ދެ ލަނޑުވެސް ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ. އެއާއެކު މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 43 ވަނަ މިނެޓުގައި ގްލަޑްބެކަށް ކާމިޔާބުކޮށްދިނީ މާކަސް ތުރާމެވެ. ނަމަވެސް މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ލިރޯއި ސާނޭ ވަނީ ލަނޑެއް ޖަހައި، ބަޔާނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗު އެއްވަރުވުމާއެކުވެސް ބަޔާން އުޅެނީ ކުޅުނު ހަތަރު މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެެވެ. އަދި ގްލަޑްބެކް އުޅެނީ އަށް ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ.