ދުނިޔޭގެ ވިޔަފާރި

އެލްޖީ އާއި ހޮންޑާއިން އެމެރިކާގައި އިންވެސްޓްކުރަން ނިންމައިފި


ދެކުނު ކޮރެއާގެ ބޮޑު ބެޓެރީ އުފައްދާ ކުންފުނި އެލްޖީ އާއި ޖަޕާނުގެ އޮޓޯ އުފައްދާ ކުންފުނި ހޮންޑާ އިން އުތުރު އެމެރިކާގެ ބާޒާރުގައި ހޮންޑާގެ އިލެކްޓްރިކް ވެހިކަލްތަކުގެ ބެޓެރީ އުފެއްދުމަށް އެމެރިކާގައި 4.4 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމެންޓެއްކުރަން ނިންމާފައިވާކަމަށް ދެ ކުންފުނިން ބުނެފިއެވެ.

ބެޓެރީ އުފައްދާ މި ކާރުޚާނާ ބަހައްޓާނެ ތަނެއް އަދި ނިންމާފައި ނުވިނަމަވެސް 2023 ވަނަ އަހަރުގެ ކުރީކޮޅު ކާރުޚާނާ އިމާރާތް ކުރަން ފަށާނެ ކަމަށާއި 2025 ވަނަ އަހަރު ނިމޭއިރު ޒަމާނީ ލިތިއަމް އަޔަން ބެޓެރީ ސެލްތައް ގިނަ އަދަދަކަށް އުފެއްދުމުގެ މަސައްކަތް ފަށާނެކަމަށް ދެ ކުންފުނިންވެސް ވަނީ ބުނެފައެވެ.

ދެ ކުންފުނި އެކުވެގެން ޖޮއިންޓް ވެންޗަރ އެއް މިއަހަރު އުފައްދަން ނިންމާފައިވާއިރު، އެ އެއްބަސްވުން ނިންމުމަށް ރެގިއުލޭޓަރީން ފާސްކުރަން ޖެހެއެވެ.

މަޝްހޫރު ބްރޭންޑެއް ކަމަށްވާ ހޮންޑާއާއެކު ޖޮއިންޓް ވެންޗަރ އެއް އުފެއްދުމަކީ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އުތުރު އެމެރިކާގެ ބާޒާރުގައި އިލެކްޓްރިފިކޭޝަން ޕްރޮމޯޓްކުރުމުގެ މެދު އަދި ދިގު މުއްދަތުގެ ސްޓްރެޓެޖީތަކަށް ލިބުނު ކުރިއެރުމެއްކަމަށް އެލްޖީ އެނާޖީ ސޮލިއުޝަންގެ ޗީފް އެގްޒެކެޓިވް ޔަންގްސޫ ކުވޮން ވިދާޅުވިއެވެ.

ހޮންޑާއާއި އެލްޖީއިން އެމެރިކާގައި މި ކާރުޚާނާ އުފައްދާއިރު، ފޯޑް، ޖެނެރަލް މޮޓޯސް، ޓޮޔޯޓާ، ހިއުނޑައި-ކިއާ، ސްޓެލަންޓިސް އަދި ވިންފާސްޓް އިންވެސް ވަނީ އެމެރިކާގެ 10 ބެޓެރީ ޕްލާންޓް އުފެއްދުމަށް ރާވާފައިވާކަން އިއުލާންކޮށްފައެވެ.

ހޮންޑާއިން މަސައްކަތް ކުރަމުންދަނީ 2050 ވަނަ އަހަރުގެ ނިޔަލަށް އެކުންފުނިން ބައިވެރިވާ ހުރިހާ އުފެއްދުންތަކަކާއި ކޯޕަރޭޓް ހަރަކާތްތަކަށް ކާބަން ނިއުޓްރަލިޓީ ހާސިލްކުރުމަށް އަމާޒުހިފަންކަމަށް ހޮންޑާގެ ޗީފް އެގްޒެކެޓިވް ޓޮޝިހިރޯ މިބޭ ވިދާޅުވިއެވެ.

އިލެކްޓްރިކް ވެހިކަލްތަކާއި ޕަވަރ ސިސްޓަމްތަކަށް ލިތިއަމް އަޔަން ބެޓެރީ އުފައްދާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އެލްޖީން މިހާރުވެސް އެ ބެޓެރީތައް އުފައްދަނީ އެމެރިކާގެ އޮޓޯ އުފެއްދުންތެރިން ކަމަށްވާ ޖެނެރަލް މޮޓޯސް އާއި ފޯޑް މޮޓޯ ކޯގެ އިތުރުން ދެކުނު ކޮރެއާގެ ހިޔުންޑާއި މޮޓޯ ގްރޫޕާއި ގުޅިގެންނެވެ. އެ ކުންފުނީގެ މައި އޮފީސް ހުންނަނީ ދެކުނު ކޮރެއާގެ ސޯލްގައި ނަމަވެސް އެމެރިކާ، ޗައިނާ އަދި އޮސްޓްރޭލިއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ކުންފުނީގެ އޮޕަރޭޝަންތައް ހިންގައެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ތަޣައްޔަރުވުމުގެ އިތުރުން ގޭހުގެ އަގު މައްޗަށް ދިއުމާއި މެދު ކަންބޮޑުވުން އުފެދިފައިވާތީ އެމެރިކާއާއި އެހެނިހެން ގިނަ ގައުމުތަކުގައި އިލެކްޓްރިކް ވެހިކަލްތަކަށް އޮތް ޑިމާންޑް އިތުރުވާނެ ކަމަށް ބެލެވެއެވެ. ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ހުރިހާ އޮޓޯ އުފައްދާ ކުންފުނިތަކުން ދަނީ އެމީހުންގެ އީވީ ލައިނަޕްތައް ހަރުދަނާ ކުރަމުންނެވެ.

ޑެޓްރޮއިޓް ސަރަހައްދުގެ ކޮންސަލްޓިންގ ކުންފުންޏެއް ކަމަށްވާ އެލްއެމްސީ އޮޓޯމޯޓިވް އިން ލަފާކުރާ ގޮތުގައި މިއަހަރު އެމެރިކާގައި ވިއްކާ އާ ވެހިކަލްތަކުގެ %5.6 އަކީ އީވީ ވެހިކަލްއެވެ. އަދި 2030 ވަނަ އަހަރުގެ ނިޔަލަށް މި އަދަދު %36 އަށް އަށްވުރެ މައްޗަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.