ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ބަލިކޮށް ފުރަތަމަ ޑިވިޝަނުގައި މަގާމު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ދަމަހައްޓައިފިއެވެ.
އަންގާރަ ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ސަސް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް، އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ދެ ޓީމަށްވެސް ހިފިފައެއް ނުވެއެވެ. އެގޮތުން ފުރަތަމަ ހާފުގައި ސަސްއިން ފޮނުވާލި ހަމަލާތައް ދަ ގްރާންޑޭގެ ލުބުނާނުގެ ގޯލްކީޕަރު މުޙައްމަދު ތޯހާ ހުއްޓުވުއިރު، މި ހާފުގައި ދަ ގްރާންޑޭގެ ސްރީ ލަންކާގެ ފޯވާޑް މުޙައްމަދު އާކިބް ބޮލުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށްވެސް އަމާޒުވެފައެވެ.
ބޯ ވިއްސާރައިގެ ސަބަބުން ދަނޑު ޗަކަވުމާ ގުޅިގެން މެޗުގެ ދެވަނަ ހާފުގައި ދެ ޓީމަށްވެސް އުނދަގޫތަކެއް ކުރިމަތިވިއެވެ. ދަ ގްރާންޑޭއިން އެއްކޮށް ކުރިއަށްޖެހި ކުޅެމުން ދަނިކޮށް ސަސްއިން ލީޑު ނަގާފައިވަނީ މެޗުގެ 74 ވަނަ މިނެޓުގައެވެ. މުޙައްމަދު އައްޒާމް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް އަތީގް ހަސަން (އިއްބެ) އެވެ.
އަދި އޭގެ ހަތަރު މިނެޓު ފަހުން ސަސްއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު އައިހަމެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ދަ ގްރާންޑޭގެ ގޯލްކީޕަރު ތޯހާ ވަރަށް ކުރިއަށް ޖެހި ހުރި ވަގުތު، އޭނާގެ ބޯމަތިން ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.
މި މޮޅާއެކުހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކުޅުނު ކޮލިފިކޭޝަނުގެ އެއްވަނަ ސަސް ހޯދީ ހަތް ޕޮއިންޓާއެކުއެވެ. ދެވަނައަށް ދިޔައީ ހަ ޕޮއިންޓް ހޯދި ބުރު ސްޕޯޓްސްއެވެ. އަދި ތިންވަނަ ދެ ޕޮއިންޓް ހޯދި ޓީނޭޖަށް ލިބިގެންދިޔައިރު، އެންމެ ފުލުގައި ނިންމި ދަ ގްރާންޑޭއަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.
މި ނަތީޖާއާއެކު ދަ ގްރާންޑޭ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވިއިރު، ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި އެ ޓީމު އެންމެ ފުރަތަމަ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވީ 2019 ވަނަ އަހަރެވެ.