ދަރިވަރުންނަށް ރާއްޖޭގެ އަމިއްލަ އިމްތިހާނެއް ފަރުމާކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަކާއި ގުޅިގެން މިނިސްޓަރ ވިދާޅުވީ އޯލެވެލް އަދި އޭލެވެލްއަށް ރާއްޖޭގެ އަމިއްލަ އިމްތިހާނެއް ބާއްވަން ބޭނުންވާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ކިޔަވައިދެނީ ނެޝަނަލް ކަރިކިއުލަމްއަށް ކަމަށްވާތީ ރާއްޖޭގައި އިމްތިހާން ކަރުދާސް ހަދާ އިދާރާއަކުން އަމިއްލަ އިމްތިހާނެއް ހަދައިފިނަމަ އޭގެ ސަބަބުން ދަރިވަރުންނަށް ފަސޭހަ ވެގެންދާނެކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އޭރުން ރާއްޖެއާ ގުޅޭ ކޮންޓެކްސްޓް ރިލަވަންޓް ޕޭޕަރުތަކެއް ފަރުމާ ކުރެވިގެންދާނެކަމަށެވެ. އެ މަސައްކަތް މިހާރު ކޮންމެވެސް ވަރަކަށް ފަށާފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ އަމިއްލަ އިމްތިހާނެއް ބޭއްވުމަކީ ވަރަށް ބޭނުންވާ ކަމެއް ކަމެއްކަމަށާއި އަދި އެކަން ހާސިލްވުމަކީ ކުރާ ވަރަށް ބޮޑު އުއްމީދެއްkމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތު އޯލެވެލް އިމްތިހާން ހަދަނީ ކެމްބްރިޖު އިމްތިހާނެވެ. އޭލެވަލްގެ ދަރިވަރުން ހަދަނީ އެޑެކްސަލް އެވެ. ނަމަވެސް މިމަހުގެ 24 ވަނަ ދުވަހު އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އަންނަ އަހަރުގެ ދިރާސީ އާ އަހަރާ އެކު އޭލެވަލް ހަދާ ދަރިވަރުންނަށް ކެމްބްރިޖް އިމްތިހާނަށް ކިޔަވައިދޭން ފަށާނެ ކަމަށެވެ.