ޚަބަރު

ކޯވިޑުން ރަނގަޅުވުމާއެކު އަމީތާބު އެނބުރި މަސައްކަތަށް


ބޮލީވުޑްގެ ސުޕަރ ސްޓަރ އަދި އެންމެ ނުފޫޒުގަދަ ތަރިންގެ ތެރޭގައި ހިމެނޭ އަމީތާބު ބައްޗަން ކޯވިޑް-19 ޕޮޒިޓިވްވީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.

މިއީ އުމުރުން 79 އަހަރުގެ އަމީތާބަށް ކޯވިޑް ޖެހުނު ދެވަނަ ފަހަރެވެ. އައިސޮލޭޝަންގައި ނުވަ ދުވަސް ހޭދަކުރުމަށް ފަހު، އެންމެ ފަހުން އޭނާ ވަނީ ނެގެޓިވް ވެފައެވެ.

އަމީތާބުގެ ޞިއްޙީ ޙާލަތާގުޅޭގޮތުން އެންމެފަހުގެ މަޢުލޫމާތު ހާމަކުރަމުން އޭނާގެ އަމިއްލަ ބްލޮގުގައި ބުނެފައިވަނީ އައިސޮލޭޝަންގައި 9 ދުވަސް ފުރިހަމަކޮށް ނެގި ސާމްޕަލް ނެގެޓިވްވުމާއެކު އެނބުރި މަސައްކަތަށް ގޮސްފައިވާކަމަށެވެ. އަދި އޭނާވަނީ ސަޕޯޓަރުންގެ ފަރާތުން ލިބުނު ލޯތްބާއި، ހިތްވަރާއި ހެޔޮ ދުޢާއަށް ޝުކުރުވެރިވާކަމަށްވެސް ބުނެފައެވެ.

އަމީތާބު މިވަގުތު އެންމެ އަވަދިނެތި އުޅެނީ ސޮނީ ޓީވީން ދައްކާ އޭނާ ހުށަހަޅައިދޭ ޝޯވ "ކޯން ބަނޭގާ ކްރޯޑް ޕަތީ"ގެ މަސައްކަތުގައެވެ. މި ޝޯވގެ މިހާރު ކުރިއަށްދަނީ 14 ވަނަ ސީޒަނެވެ.

2000 ވަނަ އަހަރުން ފެށިގެން ގެނެސްދެމުން އަންނަ މި ޝޯވ އަކީ މަޝްހޫރު އިނގިރޭސި ޝޯވ "ހޫ ވޯންޓްސް ޓު ބީ އަ މިލިއަނާ" ގެ ހިންދީ ވާޝަނެވެ. އަދި މިއީ އިންޑިއާގެ ޓީވީ ސްޓޭޝަނުން ދައްކާ އެންމެ އަގުބޮޑު އެއް ޝޯވވެސްމެއެވެ.

އަމީތާބު އެންމެފަހުން ފެނިފައިވަނީ މިއަހަރުގެ އޭޕްރީލްމަހު ރިލީޒްކުރި ތްރިލަރ ފިލްމު "ރަންވޭ 34" އިން އަޖޭ ދޭވްގަން އާއި ރަކުލް ޕްރީތު ސިންގް އާއެކުއެވެ. އޭނާ ދެން އެންމެ އަވަހަށް ފެންނާނީ މިމަހުގެ 9 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވުމަށް ތައްޔާރުވާ ރަންބީރާއި އާލިއާގެ "ބްރަހްމަސްތުރާ" އިންނެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ވިކާސް ބަހާލް ޑައިރެކްޓްކޮށްފައިވާ ކޮމެޑީ-ޑްރާމާ ފިލްމު "އަލްވަދާއު" އާއި ސޫރަޖް ބަރްޖަތިޔާގެ "އުންޗާއީ" ހިމެނެއެވެ.