ޖަރުމަނުވިލާތުގެ އިޤްތިސާދު ރިސެޝަނަކާ ދިމާއަށް މިސްރާބު ޖަހާފައިވާކަމަށް ރޮއިޓާސް ޕޯލުން ދައްކައިފިއެވެ.
ޖަރުމަނުވިލާތުގެ އިގްތިސާދީ ދުވެލި މި ކުއާޓަރއިން ފެށިގެން ޖެހިޖެހިގެން ތިން ކުއާޓަރުގައި މަޑުވެ، ރިސެޝަނަކަށް ދިއުމުގެ މަގުމަތީގައި އޮތްކަމަށް ރޮއިޓާސްގެ އިގްތިސާދީ މާހިރުންގެ ޕޯލްގައި ވަނީ ބުނެފައެވެ.
ރޮއިޓާސްގެ ޕޯލްއިން ދައްކާ ގޮތުގައި ޖަރުމަނަށް ޖެހިޖެހިގެން ތިން ކުއާޓަރުގައި އިގްތިސާދީ ދުވެލި މަޑުވާނެއެވެ. ޓެކްނިކަލްކޮށް ބުނާނަމަ އެއީ އިގްތިސާދީ ރިސެޝަނެއް ކަމަށްވެސް ޕޯލްގައި ބައިވެރިވި މާހިރު ދެކެއެވެ.
ޕޯލްގެ މީޑިއަންސްއިން ދައްކާގޮތުގައި މިއަހަރުގެ ތިންވަނަ އަދި ހަތަރުވަނަ ކުއާޓަރުގައި ޖަރުމަނުވިލާތުގެ އިގްތިސާދީ ދުވެލި %0.1 އަދި %0.3 އަށް މަޑުޖެހެނޭއެވެ. އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި %0.2އަށް ދަށްވާނެ ކަމަށެވެ. އެއަށްފަހު ދެވަނަ ކުއާޓަރުގައި އިޤްތިޞާދީ ދުވެލި %0.4އަށް ހަލުއި ވާނެކަމަށް ލަފާކޮށްފައިވެއެވެ. އޭގެފަހުން އަންނަ އަހަރުގެ ޖެހިގެން އަންނަ ކުއާޓަރުތަކުގައި %0.6 އަދި %0.5 އަށް އިގްތިސާދީ ދުވެލި ހަލުއި ވާނެ ކަމަށްވަނީ ލަފާކޮށްފައެވެ.
އެވްރެޖްކޮށް ޖަރުމަނުގެ އިޤްތިޞާދީ ދުވެލި މިއަހަރު %1.5 އަށް ހަލުއިވާނެކަމަށް ލަފާކޮށްފައިވާ ކަމަށާއި އޭގެފަހުން %0.1 އަށް މަޑުވާނެ ކަމަށް 34 އިޤްތިޞާދީ މާހިރުންެ މި ޕޯލްގައި ވަނީ ލަފާކޮށްފައެވެ.
ހަކަތައަށް ދިމާވެފައިވާ ދަތިކަމުގެ ސަބަބުން މީގެ ކުރިންވެސް މިދިޔަ އަހަރާ އަޅާބަލާއިރު ހޯލްސޭލް ގޭހުގެ އަގު %400 އަށް މައްޗަށް ގޮސް، ހަކަތަ ބޭނުންކުރާ ގިނަ ދާއިރާތަކަށް ވަނީ ގެއްލުން ލިބިފައިވެއެވެ.
ޔޫރަޕްގެ އެންމެ ބޮޑު އިގްތިސާދާއި އުފެއްދުންތެރިކަމުގެ ބާރުގަދަ ޖަރުމަނުވިލާތަކީ ސިނާއީ ދާއިރާ ރަޝިޔާގެ ގޭހަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެކެވެ. މިއާއެކު ހަކަތަ ފޯރުކޮށްދިނުން ނުވަތަ ހަރަދު ބޮޑުވުމުން އެންމެ ބޮޑަށް ގެއްލުން ލިބޭ ގައުމުތަކުގެ ތެރޭގައި ޖަރުމަނުވިލާތް ހިމެނޭނެއެވެ.
ވޭތުވެދިޔަ 50 އަހަރު ދުވަހު ތެރޭގައި އިންފްލޭޝަން ނުދާހާ މައްޗަށް އޮގަސްޓް މަހުވަނީ ގޮސްފައެވެ. އޮގަސްޓު މަހުގެ އިންފްލޭޝަން ވަނީ ގާތްގަނޑަކަށް %8.8 އަށް އަރާފައެވެ. ހަކަތައިގެ ބިލްތަކުގެ އަގު އުފުލިގެންގޮސް ގޭބިސީތަކަށް ޚަރަދު ނުކުރެވޭ މިންވަރަށް ވަނީ މަތިވެފައެވެ. މިއާިއެކު އިންޓަރެސްޓް ރޭޓް ބޮޑުކުރުމަށް ޔޫރަޕިއަން ސެންޓްރަލް ބޭންކަށް ޕްރެޝަރު ދަނީ ބޮޑުވަމުންނެވެ.
ހަކަތައާބެހޭ ބިލްތައް އިތުރުވުމާއި، ހަނަފަސްވެ ފެނުގެ މިންވަރު ދަށްވުމުގެ ސަބަބުން ޔޫރޯ ޒޯނުގައި ދިރިއުޅުމުގެ ހަރަދުގެ ދަތިކަން އިތުރަށް ގޯސްވެ، އަންނަ ފިނި މޫސުމުގައި އެ ގައުމުތަކުގެ އިގްތިސާދު ރިސެޝަނަކަށް ހިނގައިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.