އިންޑޮނޭޝިއާ އިން ސަބްސިޑައިޒް ކޮށްފައިވާ ތެލުގެ އަގު ގާތްގަޑަކަށް %30އަށް އުފުލައިފިއެވެ.
ސަބްސިޑައިޒްކޮށްފައިވާ ގޭސް ލީޓަރެއްގެ އަގު 7،650 ރުޕީސްއިން 10،000 ރުޕީސްއަށް ބޮޑުކޮށްފައިވާއިރު ސަބްސިޑައިޒްކޮށްފައިވާ ޑީސަލްގެ އަގު 5،150 ރުޕީސްއިން 6،800 ރުޕީސްއަށް އަރާފައިވާ ކަމަށް ހަކަތައާއިބެހޭ ވަޒީރު އަރީފިން ތަސްރީފް ވިދާޅުވިއެވެ.
ސަބްސިޑީ ދީގެން އެތެރޭގެ ތެލުގެ އަގު އަގުހެޔޮކޮށް ބާއްވަން ބޭނުންވި ނަމަވެސް ސަބްސިޑީއަށް ބަޖެޓް ތިންގުނަ އިތުރުވެ، ކުރިއަށް އޮތްތަނުގައި ވެސް އިތުރުވާނެކަމަށް އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ވިދާޅުވެފައެވެ.
ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ބޮޑު އިގްތިސާދު އޮންނަ އިންޑޮނޭޝިއާގައި މިހާރު ވެސް ވަނީ ދުނިޔޭގެ ތެލުގެ އަގު އުފުލުމާއި ރުޕީސްގެ އަގު ދަށްވުމުގެ ސަބަބުން މިއަހަރު ސަބްސިޑީގެ ބަޖެޓް 34 ބިލިއަން އެމެރިކާ ޑޮލަރަށް ބޮޑުކޮށްފައެވެ، މިއީ އަސްލު ބަޖެޓުގެ ތިން ގުނަ އިތުރުވުމެކެވެ.
ހަކަތައަށް ބޮޑު ސަބްސިޑީއެއް ދިނުމުން މީގެ ކުރިން އިންޑޮނޭޝިއާގެ އިންފްލޭޝަން ވަނީ ދަށްވެފައެވެ. މިއާއިއެކު މަރުކަޒީ ބޭންކަށް އިންޓަރެސްޓް ރޭޓް މަތިކުރުން މިދިޔަ މަހުގެ ނިޔަލަށް ލަސްކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ. އޮގަސްޓް މަހުގެ އިންފްލޭޝަން ރޭޓަކީ %4.69 އެވެ.
ބިޒްނަސް ގްރޫޕް އިންޑޮނޭޝިއަން އެމްޕްލޯޔަރސް އެސޯސިއޭޝަންގެ ވެރިޔާ ހަރިޔާދީ ސުކަމްދާނީ ވިދާޅުވިގޮތުގައި ތެލުގެ ޖުމްލަ އަގުގެ ޕްރެޝަރު މާ ބޮޑު ނުވާނެ ކަމަށާއި އަހަރު ނިމޭއިރު އިންފްލޭޝަން %6 ށް އަރާނެ ކަމަށް ލަފާކުރެވޭކަމަށެވެ.
ވިޔަފާރިތަކުން ސަބްސިޑައިޒް ނުކުރާ ތެޔޮ ބޭނުން ކުރަމުން އަންނަ ނަމަވެސް އަގު ބޮޑުވުމުން ލޮޖިސްޓިކްސް ހަރަދަށް އަސަރުކުރާނެ ކަމަށް ހަރިޔާދީ ވިދާޅުވި އެވެ. ސަބްސިޑައިޒްކޮށްފައިވާ ތެލުގެ އަގު އިންޑޮނޭޝިއާއިން މި ބޮޑުކުރީ، ސަބްސިޑައިޒްކޮށްފައިވާ ތެލުގެ އަގު މި ކުއާޓަރުގައި ބޮޑު ނުކުރާނެކަމަށް އިންޑޮނޭޝިއާގެ ޗީފް އިކޮނޮމިކް މިނިސްޓަރ އެއާލަންގާ ހާޓާޓޯ މިދިޔަ މަހު ފަހުކޮޅު ވިދާޅުވެފައިވަނިކޮށެވެ.
ކާބޯތަކެތީގެ އަގު އުފުލިގެން ދިއުމުގެ ސަބަބުން އިންޑޮނޭޝިއާގެ އިންފްލޭޝަން މިދިޔަ ޖުލައިމަހު ވަނީ ވޭތުވެދިޔަ 7 އަހަރުވެސް ނުދާހާ މައްޗަށް، 4.94 އިންސައްތައަށް އަރާފައެވެ. ތެލުގެ އަގާއި ކަރަންޓްގެ ޓެރިފްތަކަށް ބަދަލެއް ނުގެނައިނަމަ އިންފްލޭޝަން އެއަށްވުރެ މައްޗަށް އަރައިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.